ރާއްޖޭގެ ކުޅިވަރަށް އެތަށް ހިދުމަތެއް ކޮށްދެމުން އައި މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ރޭ ނިޔާވުމާއެކު ކުޅިވަރު އާއިލާ ހިތްދަތި ކޮށްލައިފިއެވެ. އުމުރުން 51 އަހަރުގެ މާދިހު ނިޔާވެފައި ވަނީ ކުއްލި ގޮތަކަށް ބަލިވުމުން ރޭ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކޮށެވެ. މާދިހަކީ ކޮވިޑުގައި ދާދި ފަހުން ނިޔާވި ރ. އަތޮޅުގެ ކުރީގެ މެމްބަރު ޒަކަރިއްޔާ އިސްމާއިލްގެ ދަރިއެކެވެ. އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ކުރީގެ ފޯވާޑް ޝާހު އިސްމާއިލްގެ ބޭބެއެވެ.
މާދިހަކީ ނަމޫނާ ކުޅިވަރު ޝަހުސިއްޔަތެކެވެ. ކުޅިވަރު ކުރިއެރުވުމަށް އެތަކެއް މަސައްކަތްތަކެއް މިފަހުންވެސް މާދިހު ކުރައްވާފައިވާ އިރު، އޭނާ 2012 ވަނަ އަހަރުން ފެށިގެން ހުރީ ގިޔާސުއްދީންގެ ސްޕޯޓްސް ކޯޑިނޭޓަރުގެ މަގާމުގައެވެ. އެ ސްކޫލުން ވަނީ މާދިހުގެ ކުއްލި ވަކިވުމާއެކު އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.
ސްކޫލްގެ ތައުޒިޔާ މެސެޖުގައި މާދިހުގެ ހަނދާންތައް އާކޮށްފައިވެއެވެ. "ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މާދިހު ވަނީ ސްކޫލަށް އަގު ނުކުރެވޭނެ ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. މަރުހޫމް ނާދިހު އިސްމާއީލްއަކީ ނުހަނު ހީވާގި ކަމާއެކު މަސައްކަތް ކުރެއްވި، މުއައްޒަފުންނާ ގުޅޭ، މަޖާ މިޒާޖެއްގެ ބޭފުޅެކެވެ. ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ސްކޫލުގައި ރާވާ ހިންގާފައިވާ ވަރަށް ގިނަ ހަރަކާތްތަކުގައި، އިސް ދައުރެއް އަދާކުރެއްވި މާދިހަކީ ނަމޫނާ މުދައްރިސެކެވެ. އަދި ހަމައެއާއެކު، މާދިހު އިސްމާއީލަކީ މި ސްކޫލުގައި ހޭދަކުރެއްވި މުއްދަތުގައި ސްކޫލު ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ފަރާތެކެވެ." ސްކޫލުގެ ތައުޒިޔާގައިވެއެވެ.
މާދިހަކީ ކުޅިވަރު އާއިލާގެ ގާތް އެކުވެރިއެކެވެ. މާދިހުގެ ވަކިވުމާއެކު ކުޅިވަރު އާއިލާގެ އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ތައުޒިޔާގެ މެސެޖުތަކުން އެކަން ސާފުވެސް މެއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ތައުޒިޔާގައިވެސް މާދިހަކީ ކުޅިވަރަށް އެތައް ހިދުމަތްތަކެއް ކުރައްވައި މީހުންނާ ގުޅޭ އެކުވެރި ބޭފުޅެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މާދިހުގެ އެހީތެރިކަން ކުލަބްތަކާއި ގައުމީ ޓީމުތަކާއި ރެކްރިއޭޝަނަލް ކުޅިވަރުތަކުގައިވެސް ވަނީ ލިބިފައެވެ. ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި މާދިހު ވަނީ އަމިއްލަ ހައިސިއްޔަތުންވެސް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފައެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި އަދި ފަހުން މެޑިކަލް އޮފިޝަލެއްގެ މަގާމުގައިވެސް މާދިހުގެ ހިދުމަތް ގިނަ ކުޅިވަރުތަކަކުން ފެނުނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި މާދިހު އަކީ މާޒިޔާގެ ފިޒިއޯތެރަޕިސްޓެވެ. އެ ކްލަބުން ބުނެފައި ވަނީ މާދިހުގެ ކުއްލި ވަކިވުމަކީ ކްލަބަށް ލިބުނު ބޮޑު ހިތްދަތިކަމެއް ކަމަށެވެ. މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ. ރާއްޖޭން ބައިނަލްއަގުވާމީ ގޭމްސްތަކުގައި ވާދަކުރި އިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެންވެސް އެކިއެކި ހިދުމަތްތައް މާދިހު ކޮަށްދެއްވާފައިވެއެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުންވާފައިވާ ގޮތުގައި މާދިހު މުޅި އުމުރުގެ ބޮޑުބައި ހޭދަކުރީ ކުޅިވަރުގެ ތަރައްގީ އާއި ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި ކަމަށެވެ.
މާދިހުގެ ކުއްލި ވަކިވުމާއެކު މުޅި އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ތައުޒިޔާގެ މެސެޖުތައް އެކިއެކި ގޮތް ގޮތުން އާއިލާއަށް ފޯރުކޮށްދެމުންދާ އިރު، ދިވެހި ކުޅިވަރަށް މިއަދަކީ ބަނަ ދުވަހެކެވެ. އަޅުގަނޑުމެންގެ ދުއާއަކީ މާދިހަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނުއުމަތް ލެއްވުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު