އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމުގެ ސުންގަޑި މީރާއިން އިތުރުކޮށްދީފި އެވެ.

މީރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތް ކޮށް، އިންކަމް ޓެކްސް ދައްކަން ޖެހޭ ސުންގަޑި އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއަހަރު ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާނާއި އިންޓެރިމް ފައިސާ ދެެއްކުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 31 އަށް އިތުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މީރާ އިން ބުނީ، މި ދުވަސްވަރު ޓެކްސް ބަޔާނާއި ފައިސާ ދައްކާ މީހުންނަށް "މީރާ ކަނެކްޓް" މެދުވެރިކޮށް އެ ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ޓެކްސް ބަޔާނާއި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯދަން ވަނީ އިލްތިމާސްކޮށްފައެވެ.