ސްޕެއިންގެ ޓްރެއިނިން ކޭމްޕް ތެރެއިން ކެޕްޓަން ސާޖިއޯ ބުސްކަސްޓްސް ކޮވިޑަށް ޕޮޒިޓިވް ވެފައި ވުމާއެކު ސްޕެއިނުން އެންމެ ގޯސް ހާލަތަކަށް ތައްޔާރުވާން ފަށައިފިއެވެ.
ބުސްކަޓްސް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ސްޕެއިނަށް ވަނީ ހާސްކަމާ ކުރިމަތި ވެފައެވެ. ޔޫރޯގައި އެގައުމުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ސްވިޑެންއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ބުސްކަޓްސްގެ ކޮންޓެކްޓުން ގޮތުގައި ބައެއް ކުޅުންތެރީން ތިބީ އެކަހެރި ވެގެންނެވެ. އެހެންނަމަވެސް ސްޕެއިނުން ބުނެފައި ވަނީ މިވަގުތު ޓީމުގެ އެހެން ހުރިހާ ކުޅުންތެރީން ކޮވިޑް 19 އަށް ނެގެޓިވް ކަމަށެވެ.
ބުސްކަޓްސް ފިޔަވައި އެހެން ކުޅުންތެރީން މިވަގުތު ކޮވިޑަށް ނެގެޓިވް ނަމަވެސް ސްޕެއިން ސްކޮޑުން ވަނީ އެންމެ އުނދަގޫ ހާލަތްތަކަށް ތައްޔާރުވާން ފަށާފައެވެ. އެގޮތުން ޓީމާ ވަކީން އިތުރު ހަތަރު ކުޅުންތެރިން މިހާރު ފަރިތަކުރުންތަކަށް ނެރެފައިވެއެވެ. ކޯޗު ލުއިސް އެންރީކާ ފުރަތަމަ 24 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކުރި ނަމަވެސް މިހާރު ވަނީ އިތުރު ކުޅުންތެރިން ސްކޮޑުގައި ހިމަަނަން ވިސްނާފައެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅިގެން ޔޫއެފާއިން ވަނީ ޓީމުތަކަށް 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކުރުމަށް ފުރުސަތު ދީފައެވެ. އެހެންނަމަވެސް އެ 26 ކުޅުންތެރިންގެ ތެރެއިން ކޮންމެ މެޗަކަށްވެސް 24 ކުޅުންތެރިންގެ ސްކޮޑު ނަގަން ޖެހޭނެއެވެ.
ސްޕެއިން ޓީމުގެ ކޮވިޑް ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބަލައި ސްކޮޑަށް ނަގައި، ތަމްރީނުތަކަށް ނެރެފައި ވަނީ ރޮޑްރީގޯ މޮރޭނޯއާއި ޕަބްލޯ ފޮނަލްސް، ކާލޯސް ސޮލާ އަދި ބްރައިސް މެންޑޭޒްއެވެ. މި ކުޅުންތެރިން ޓީމު ތެރެއަކަށް އަދި ނުވައްދާނެއެވެ. ތަމްރީނު ކުރުވާނީ ވަކިންނެވެ.
ސްޕެއިންގެ ފެޑަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހާލަތަށް ބަލައި ބުސްކަޓްސްގެ ޕޮޒިޓިވް ނަތީޖާއާ ގުޅިގެން ހަތަރު ކުޅުންތެރިޔަކު ތަމްރީނުތަކަށް ނެރެން ކޯޗު އެންރީކޭ އަންގާފައިވާ ކަމަށެވެ. އަދި އެކުޅުންތެރިން ތަމްރީނު ކުރާނީ ވަކި ބަބުލްއެއްގެ ތެރޭގައި ކަމަށާއި، ހާލަތު ބަދަލުވަމުން އަންނަ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ.
ސްޕެއިންގެ ކެޕްޓަން، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްގެ ލީޑަޝިޕް ނެތްތަން ފޫބައްދަން ހުރި ކެޕްޓަނަކީ ތަޖުރިބާކާރު މިޑްފީލްޑަރު ބުސްކަޓްސްއެވެ. ބާސެލޯނާ ޔޫތު ސިސްޓަމްގެ ތެރެއިން ސްޕެއިން ފުޓުބޯޅައިގެ ތެރެއަށް ފައްކާވެގެން އައި ބުސްކަޓްސް ވަނީ މިހާތަނަށް އެ ކްލަބަށް 415 މެޗު ކުޅެދީފައެވެ. ބާސާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން އެތައް ކާމިޔާބީއެއް ބުސްކެޓްސް ވަނީ އެ ކްލަބާއެކު ހޯދައިފައެވެ. ގައުމީ ޓީމަށް 122 މެޗު އޭނާ ކުޅެދީފައިވާއިރު، ބުސްކަޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި 2012 ހޯދައި ދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު