ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރޭ އިންޑިއާއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ސުނިލް ޗެތުރީ ޖެހި ދެގޯލާއެކު ދުނިޔޭގެ ގޯލް ލިސްޓުގައި ލިއޮނަލް މެސީ ފަހަތަށް ޖައްސާލައިފިއެވެ.
މިހާރުވެސް ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިންގެ ލިސްޓްގެ ދެވަނައިގައި އޮތީ އިންޑިއާގެ ޗެތުރީއެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 117 މެޗުން ޗެތުރީ ވަނީ 74 ގޯލް ހަމަކޮށްފައެވެ.
ޗެތުރީގެ ދަށުން ތިންވަނައިގައި އޮތް މެސީ ޖަހާފާއިވަނީ 70 ގޯލެވެ. އޭނާގެ ދަށުން މިހާރު އޮތީ ނޭމާއެވެ. ފަސްވަނައިގައި މިވަގުތު އޮތީ ރޮބާޓް ލެވަންޑޮސްކޯއެވެ. އެއްވަނައިގައި 99 ގޯލާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އޮތްއިރު، ކުރިން ލިސްޓްގެ ފަސްވަނައިގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އޮތެވެ. ލިސްޓްގައި ދަގަނޑޭ މިހާރު އޮތީ 10 ވަނައިގައެވެ. ދަގަނޑޭ މިހާތަނަށް ގައުމީ ޓީމަށް ޖަހާދީފައި ވަނީ 53 ގޯލެވެ. އެއީ 80 މެޗުންނެވެ.
ކޮލިފިކޭޝަން ގްރޫޕް އީގައި އިންޑިއާއިން ބަންގްލަދޭޝްއާ ދެކޮޅަށް ރޭ ކުޅުނު މެޗު އޮތީ ގަތަރުގެ ވެރިރަށް ދޯހާގެ ޖަސިމް ބިން ހަމަދު ސްޓޭޑިއަމްގައެވެ. މެޗު 2-0 އިން އިންޑިއާ ކާމިޔާބު ކޮށްފައިވާއިރު، އެޓީމުގެ ދެ ގޯލްވެސް ޖެހީ ކެޕްޓަން ޗެތުރީއެވެ. ރޭގެ މެޗުން މޮޅު ވެ އިންޑިއާ ވަނީ ގްރޫޕްގެ ތިންވަނައަށް ޖެހިލައިފައެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރަށް ދިޔުމަށް އިންޑިއާއަށް އުންމީދު ގެއްލުނު ނަމަވެސް ތިންވަނަ މަގާމަކީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރަށް މުހިއްމު މަގާމެކެވެ.
އިންޑިއާއަށް ދެން އޮތީ ގްރޫޕްގައި ބާކީ އެއް މެޗެވެ. އެއީ ޖޫން 15 ވަނަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ނުކުންނަ މެޗެވެ. އެމެޗުގެ ނަތީޖާއަކީ ތިންވަނަ މަގާމަށް މުހިއްމު ނަތީޖާއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު