ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނަ މަގާމު ސީރިއާއިން ހޯދައި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭޝިއަން ކޮލިފިކޭޝަންގެ ފައިނަލް ބުރުގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

ސީރިއާއިން ގްރޫޕް އެއްވަނަ ޔަގީން ކުރީ ގުއާމްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްގެންނެވެ. ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައި ކުޅުނު މެޗު ސީރިއާއިން ކާމިޔާބު ކުރުމާއެކު އެޓީމަށް ވަނީ ހަތް މެޗުން 21 ޕޮއިންޓް ލިބިފައެވެ. މިހާތަނަށް ކޮލިފިކޭޝަންގައި ސީރިއާ ކުޅުނު ހުރިހާ މެޗަކުން އެޓީމު ވަނީ މޮޅުވެފައެވެ. ކޮލިފިކޭޝަންގައި ދެން ބާކީ އޮތީ ދެވަނައިގައި އޮތް ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރޭ ސީރިއާއިން ކުޅުނު މެޗުގެ ގޯލްތައް ޖަހައިދިނީ މަރުދިކް މަރުދިކިއާންއާއި މަހުމޫދު އަލް މަވާސްއެވެ. މަރުދިކިއާން ވަނީ މެޗުގައި ދެ ގޯލް ޖަހާފައެވެ.

އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރަށްވެސް ސީރިއާ ދަތުރު ކުރިއެވެ. އެފަހަރު ވޯލްޑް ކަޕްގެ ޖާގަ ސީރިއާއަށް ގެއްލުނީ ހަނި ފުރުސަތަކުންނެވެ. ވޯލްޑް ކަޕްގެ އުންމީދު އެފަހަރު ސީރިއާއަށް ގެއްލުނީ ކޮލިފިކޭޝަން ފަހު މެޗުގައި 1-0 އިން އޮސްޓްރޭލިއާ އަތުން ބަލިވެގެންނެވެ. ސީރިއާއިން ރޭ ހޯދި މޮޅާއެކު އެޓީމު ވަނީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ފައިނަލް ޖާގަ ލިބޭ 24 ޓީމުގެ ތެރޭގައި ހިމެނިފައެވެ.

ގްރޫޕްގެ ދެވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން ރޭ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޗައިނާއަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަދިވެސް ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އަށް ގްރޫޕަށް ބަހާލައިގެން ކޮލިފިކޭޝަން މެޗުތައް އޭޝިއާގައި ކުޅެމުންދާއިރު، 10 ޓީމަކަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމަށް ކޮލިފިކޭޝަން ފަހު ބުރުގެ ޖާގަ ޔަގީންވާއިރު، ދެން ދާނީ އެންމެ މޮޅު ދެވަނަ ޓީމުތަކުގެ ތެރެއިން ދެޓީމެވެ.

ގްރޫޕް އޭގައި ރާއްޖެއަށް އަދި ދެމެޗު އެބައޮތެވެ. ގްރޫޕްގެ ހަތަރުވަނައިގައި މިވަގުތު ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާއާއި ފިލިޕީންސާ ދެކޮޅަށެވެ. ތިންވަނަ މަގާމަކީ އޭޝިއަން ކަޕަށް މުހިއްމު މަގާމެކެވެ.

ރާއްޖެއަށް ދެން އޮތް ދެމެޗު:

ޖޫން 11 / ޗައިނާ - ރާއްޖެ

ޖޫން 15 / ފިލިޕީންސް - ރާއްޖެ