ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އެއްޗެއް ގޮއްވާލި މައްސަލަ ބަލާ ގޮތަށް ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި އޭރު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު މައްސަލަ ވެސް ބަލަަން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް 'ވަން' އަށް ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ވެސް ބެލުމަކުން މައްސަލައެއް ނެތް ކަމަށާއި، އަދި ހަމަ އެގޮތަށް ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރި މައްސަލަ ވެސް ބަލައި އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީން ރައީސް ކަމުގައި ހުންނަވަނިކޮށް ސީދާ ފުރާނަ ދުއްވާލަން އެކަން ކުރީ. އެކަން ކުރި ކަމުގެ ތުހުމަތު ބައެއްގެ މައްޗަށް ކުރެވި ޝަރީއަތް ހިނގާފައި އޮއްވައި އެކަން ރައްދުވާ މީހުން މިއަދު ތިބީ ގޭގައި ލުއި ދީފައި. އަޅުގަނޑު އެއްވެސް ހާލެއްގައި މި ދަންނަވަނީ ރައީސް ނަޝީދަށް ހަމަލަ ދިން މައްސަލަ ނުބަލާކަށް ނޫން. އެކަން ވެސް ބަލަން ވާނެ. ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިފަދަ ހަމަލާއެއް ދީފި ނަމަ އެކަން ބަލަން ވާނެ. ކޮބާހޭ އިންސާފު. ރައީސް ޔާމީން މަރާލަން އުޅުނު މީހުން ގޭގައި ބައިތިއްބައިގެން ދެން އަލުން އެ ޝަރީއަތް ނުފަށާނެ ކަމަށް ނޫނިއްޔާ އެކަން ކުރިއަށް ނުގެންދާނެ ކަމަށް އެއްބަސްވުންތައް ހަދައިގެން މަސައްކަތް ކުރާއިރު އަނެއްކޮޅުން މި ދައްކަނީ އިންސާފު ގާއިމު ކުރާ ވާހަކަ. އެންމެ އަޑިއަށް ފީނާ ވާހަކަ އެންމެ ފުނަށް ފީނާ ވާހަކަ. ހަރަދު ކުރި މީހުން ހޯދާ ވާހަކަ. އަނެއްކަމެއް ކުރާ ވާހަކަ. އެހެންވީމަ މި ދެކޮޅެއް ނުޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި ފަރާތްތައް ހޯދައި ރައީސް ނަޝީދަށް އިންސާފު ހޯދުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން މަސައްކަތް ކުރަމުން އަންނަ އިރު ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރި މީހުން ދޫވެފައި ތިބުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"ކީއްވެގެން ތޯ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި މީހާއަށް ލުއިދީފައި ގޭގައި އަރާމުގައި އޭސީ ކޮޓެރީގައި ނިދަން ބާއްވަންވީ. އެއީ ކޮން އިންސާފެއް ތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިންސާފު ނުލިބުމުގެ އިތުރުން އެމަނިކުފާނު ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި ތިއްބެވި އެހެން ފަރާތްތަކުގެ ހައްގުވެސް ހޯދިފައި ނުވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލައާ އެއްގޮތަށް ރައީސް ޔާމީނަށް ވެސް ދިނީ އަވަހާރަކޮށްލުމުގެ ހަމަލާއެއް ކަމަށެވެ. އަދި އެ ލޯންޗުކޮޅުގައި ތިބި އެހެން ފަރާތްތައް ވެސް ﷲ ރަހުމަތްފުޅާ އެކު ސަލާމަތްވީ މަރުގެ 'އެތިފަހަރަކުން' ކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"މިއަދު މި ރާއްޖޭގައި ނެތް އަދުލު އިންސާފުގެ ކަންފުޅެއް ވެސް. ކަނޑުގެ ހުކުމް މި އޮތީ. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދުލް އިންސާފަކީ ކަނޑުގެ ހުކުމް. ޖަންގަލީގެ ހުކުމް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތު ވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 15 އަހަރަށް ޖަލަށް ލުމަށާއި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ގަ އެވެ. ނަމަވެސް އަހުމަދު އަދީބު ޖަލަށް ލާން ކުރި 15 އަހަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން ވަނީ 2019 ވަނަ އަަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު އަމުރުކޮށްފަ އެވެ. ހަސަން ރިކާޒާއި އަހުމަދު އާމިރުގެ ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެ ދެ މައްސަލަ ވެސް އަލުން ބަލަން ހައިކޯޓުން އެންގި އެވެ.
ދެން އެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ އޭރުގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) އަށެވެ. ތަހުގީގަށް ހުރަސް އެޅި ކަމަށް ބުނެ ޕާޕާ ދެ އަހަރާއި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ވެސް މި ވެރިކަމުގައި ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެހެން ކަމުން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށް އަދި ހުކުމް ކުރި އެންމެން ވެސް މި ވަނީ ދޫވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު