އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސްކަން، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީތީ މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މިއީ ފަހުރެއް ކަމަށާއި ޝާހިދު މުޅި ރާއްޖެ ފަހުރުވެރި ކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އިންތިހާބުން ހޯއްދެވި ކާމިޔާބަށްފަހު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ވޯޓުދެއްވި ހުރިހާ ބޭފުޅުންނާއި އެ ފުރުސަތު ދެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށާއި މިއީ ރައީސް ސޯލިހުގެ ސަރުކާރު މުޅި ދުނިޔެ ބަލައިގަތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ކާމިޔާބަކީ ރައީސް ސޯލިހުގެ ސަރުކާރަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. މިއީ އެ މަގާމަށް ރާއްޖޭގެ ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރާނީ ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެގޮތުން މިފަހަރު އެ ފުރުސަތު ލިބުނީ ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.
ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު