އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެގެން ދިއުމުން ހާމަކޮށްދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު މުޅި ދުނިޔެ ގަބޫލުކޮށްފައިވާކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ އދ. ގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވި ރައީސްގެ ގޮތުގައި ހުރެ، ދިވެހިންގެ ފަހުރުވެރި ބަހުން، މިއަދު މި އުފުލަނީ ދިވެހި ރައްޔިތުންގެ ފަހުރުވެރި އަޑު ކަމަށެވެ.
"މިއަދު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވަނީ މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން. ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ގަބޫލުކޮށްފައިވާކަން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހިންނަކީ އޭރުވެސް އަދި މިހާރުވެސް ކުޑަ މިޝަންއެއް ކަމަށާއި ތިބީ މަދު ޑިޕްލޮމެޓުންތަކެއް ކަމަށެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް ސާބިތުވެ ތިބީ ވަރުގަދަ އަޒުމަކާއި ވަރުގަދަ ރޫހެއްގައި ގަބޫލު ކުރާ ހެޔޮ ގޮތް މަތީގައި ކަމަށެވެ.
"ވަރުގަދަ ރޫހެއްގައި، ނުގުޑާނެ އަޒުމާއި އުއްމީދުގައި ސާބިތުވެ ތިބުމަކީ ދިވެހިންގެ އުސޫލު. މިއީ ދިވެހިންގެ ސަގާފަތުގެ އަސާސް. ޕްރެސިޑެންސީ އޮފް ހޯޕް އާއެކު އަޅުގަނޑު ގެންނަން ބޭނުންވަނީ މިދެންނެވި އަސާސްތައް. މި އެސެމްބްލީއަށް މިއަދު ބޭނުންވެފައިވަނީ މިދެންނެވި ވަރުގަދަ ރޫހާއި ނުގުޑާނެފަދަ އުންމީދެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮވިޑުގެ ބަލިމަޑުމަކުން އަރައިގަތުމަށް ކަމަށާއި އެގޮތުން މިހާރުވެސް ރާވާފައި ހުރި ކަންތައްތަކަށް އިސްކަންދީ، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކޮށް، އިގުތިސޯދުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެންމެނަށް ހަމަހަމަކަމާ އެކު ވެކްސިން ލިބޭނޭ މަގު ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި މުޅި ދުނިޔެ ވެކްސިނޭޓް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އާންމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ޖިންސީ ހަމަހަމަކަމަށް ވަކާލާތުކޮށް، ޖިންސީ ތަފާތުކުރުންތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އަދި އާންމު މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުރެ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލްއެއްގައި ބައިވެރި ނުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މިއަދުގެ ބޭނުންތަކަށް ޖާވާބުދާރީވުމަށް އދ. އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭ. ދެފުށް ފެންނަ، ފުރިހަމައަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް ވާންޖެހޭ. އދ. ގެ ނިޒާމުގެ ތެރޭގައި އާއި، އދ. ގެ އެކި ގުނަވަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭ. އެހެންކަމުން މިކަންކަން ދިރުވޭނޭހެން އދ. ގެ މަސައްކަތް ބައްޓަން ކުރުމާއެކު އދ. ގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނޭ މަގުތައްވެސް ބަލަންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ގަސްތުކުރަނީ މިހާރުން މިހާރަށް މަސައްކަތް ފަށައިގަންނަން ކަމަށާއި މާދަމާއިން ފެށިގެން ޓީމު އެކުލަވައިލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ކަލަންޑަރަށް ކުރަން ހުރި ކަންތައްތައް ތަރުތީބުކޮށް، އިސްނަގައި މަސައްކަތްތައް ފަށައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިއަދަކީ ރާއްޖެއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި މި އެސެމްބްލީގެ ތާއީދާ އެކު މިއަދު މިވަނީ ޔޫއެންގެ ރައީސަކަށް ހޮވާފައި ކަމަށެވެ. މިއީ ޔޫއެންގެ 75 އަހަރުވީ ތާރީހުގައި އަދި ރާއްޖެ ޔޫއެންގެ މެމްބަރެއްގެ ގޮތުގައި 55 އަހަރުގެ ތާރީހުގައި ރައީސްއަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއަދު މި ލިބުނު ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބިގެންދާ ޝަރަފެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު