ގުޅީފަޅުން ބޯހިޔާވަހިކަން ލިބުމުގެ މައްސަލައަށް އަލިމަގެއް ނުފެނިއްޖެ ނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި ކޯޓަށް ދާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ، ގުޅީފަޅުގައި ޕޯޓު ގާއިމުކުރުމަށް ސިޓީ ކައުންސިލް ދެކޮޅު ކަމަށާއި ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ގުޅީފަޅުގެ މައްސަލައަށް އަލިމަގެއް ފެންނަންދެން ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއްވެސް ވަރަކަށް އަލި މަގެއް ނުފެނިއްޖެ ނަމަ ކޯޓަށް ގޮސްގެންވެސް އެ މައްސަލައަށް ހައްލެއް ގެނައުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މިއަދު ނޫނީ މާދަމާ ކޯޓަށް ދާ ވާހަކައެއް ނޫން. އެއްވެސް އަލިމަގެއް ނުފެނިއްޖަ ނަމަ ކޯޓަށް ދާ ވާހަކަ. އަޅުގަނޑު އުންމީދެއް ނުކުރަން އެގޮތަށް އެކަން ދާނެ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މީގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވައި ގުޅީފަޅުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުގެ އަމާޒަކީ ގުޅީފަޅުގައި ޕޯޓު ތަރައްގީކުރުމެވެ. ނަމަވެސް މުއިއްޒު އެދިވަޑައިގެންފައިވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް، ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބޭނެ މަންޒިލަކަށް ހެދުމެވެ.