މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމަނައިގެން ނެރޭ "ވަން ޔޫރޯ ގައިޑް 2020" ހިލޭ ލިބޭ ޕްރޮމޯޝަނެއް ފޭސްބުކްގައި ފަށައިފިއެވެ.

"ވަން" އިން އަންނަ ބުދަ ދުވަހު ނެރޭ ގައިޑް ހިލޭ ހޯދުމުގެ ފުރުސަތު ލިބޭ އެ ޕްރޮމޯޝަނުގައި 25 ފަރާތެއް ހޮވާނެއެވެ. އެ ޕްރޮމޯޝަން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް "ވަން"ގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަން ޕޯސްޓަށް ލައިކެއް ދީ، [ވަންގެ ފޭސްބުކް ޕޭޖް](https://www.facebook.com/oneonlinemv/) ފޮލޯކޮށް، އަމިއްލަ ޓައިމްލައިނުގައި ޝެއާކުރަން ޖެހެއެވެ. އަދި ޓައިމްލައިނުގައި ޝެއާ ކުރަން ޖެހޭނީ އެންމެންނަށް ފެންނާނެ ގޮތަށް 'ޕަބްލިކް' އަށް ލުމަށްފަހުއެވެ.

އޭގެ އިތުރުން ފޭސްބުކް ޕޭޖުގައިވާ ޕޯސްޓުގެ ކޮމެންޓު ސެކްޝަނުގައި ފަސް އެކުވެރިން (ފްރެންޑްސް) ޓެގްކުރަން ޖެހެއެވެ. ޕްރޮމޯޝަނުގައި ކުރި ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ގިނަ އެކުވެރިން ޓެގްކުރެވޭނެއެވެ.

ކޮމެންޓް ސެކްޝަނުގައި އެންމެ ގިނަ ލައިކް ހޯދާ 25 ފަރާތަށް މި ޕްރޮމޯޝަނުގެ ތެރެއިން އެއްވެސް އަގަކާ ނުލައި "ވަން ޔޫރޯ ގައިޑް 2020" އަދި ސްކޯ ޝީޓެއް ލިބިގެންދާނެއެވެ.

"ވަން" ގެ މެނޭޖިން އެޑިޓަރު، އަލީ ރިފްޝާން ވިދާޅުވީ މި ޔޫރޯ ގައިޑަކީ މިފަހަރުގެ ޔޫރޯއަށް އަމާޒުކޮށްގެން ރާއްޖޭގައި ނެރޭ އެންމެ މައުލޫމާތު މުއްސަނދި އަދި އެންމެ ހިތްގައިމު ފޮތަށް ވާނެ ކަމަށެވެ.

އެގޮތުން މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ޓީމް ޕްރޮފައިލް އާއި ގުރޫޕުތައް ބެހިފައިވާ ގޮތާއި މެޗުތައް ކުޅޭ ސްޓޭޑިއަމްތަކާއި މުބާރާތުގެ ކޯޗުންނާއި ރެފްރީންނާއި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރީންގެ މައުލޫމާތުތައް މި ގައިޑުގައި ހުންނާނެ ކަމަށް ރިފްޝާން ވިދާޅުވިއެވެ. މީގެ އިތުރުން ޔޫރޯއަށް ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މުބާރާތުގެ ތާރީހާއި މުބާރާތް ކުޅޭ ބޯޅަ އާއި މުބާރާތުގެ ތަށްޓާ ބެހޭ ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ރިފްޝާން އިތުރަށް ވިދާޅުވީ 148 ސޮފުހާ ހިމެނޭ މި ގައިޑުގައި މިފަހަރުގެ ޔޫރޯއަށް އަލަށް ތައާރަފުވާ ބައެއް ކަންކަމުގެ މައްޗަށް ވެސް ތަފުސީލީ ގޮތެއްގައި ބަލައިލައި ރިޕޯޓުތައް ހިމަނާފައި ވާނެ ކަމަށެވެ. އެގޮތުން މެޗު ތެރޭގައި ފަސް ބަދަލު ގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުމާއި ޔޫރޯގައި އަލަށް ވީއޭއާރް ބޭނުންކުރަން ފެށުމުގެ މައްޗަށް ވެސް ރިޕޯޓުތައް ހިމަނާފައި ވާނެ ކަމަށެވެ.

ވަންގެ ސޭލްސް އެންޑް މާކެޓިންގެ އޮފިޝަލަކު ވިދާޅުވީ، ގައިޑް ގަތުމަށް ނަން ނޯޓު ކުރުމަށް ގުޅާނީ ނުވަތަ މެސެޖު ކުރާނީ 7943663 އަށް ކަމަށެވެ. ގައިޑެއް ވިއްކަން ހަމަޖައްސާފައި ވަނީ 100 ރުފިޔާއަށް ކަމަށާއި ގަންނަ ކޮންމެ ގައިޑަކާ އެކު އޭޓޫ ސައިޒަށް ޕްރިންޓު ކޮށްފައިވާ ބޮޑު މެޗުޝެޑިއުލެއް/ސްކޯޗާޓެއް ހިލޭ ލިބޭނެ ކަމަށެވެ. ސްކޯ ޗާޓު ވަކީން ގަންނާން ބޭނުންވާ ފަރާތްތަކަށް ވިއްކަން ހަމަޖައްސާފައިވާ އަގަކީ 25 ރުފިޔާ ކަމަށެވެ. މި ސްކޯ ޗާޓު ތައްޔާރު ކޮށްފައި ވާނީ، ރާއްޖޭގެ ގަޑީން މެޗުތައް ކުޅޭ ގަޑި އެނގޭނެ ގޮތަށް މެޗުތައް ނިމެމުން ދާ ވަރަކުން ސްކޯތައް ޖަހައި ފުރަމުން ގެންދެވޭ ގޮތަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. އެގޮތުން ޔޫރޯއާ ދިމާކޮށް މާލޭގައިވެސް މީހުން އެއްވެ ތިބެވޭ ގޮތަށް ހުންނަ ހުސް ތަންތަނުގައި ބޮޑެތި ސްކްރީންތައް ހަރުކޮށްގެން މެޗުތައް ބެލުން ކުރީން އޮވެއެވެ. އޮލިމްޕަސް ސިނަމާގައި މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސޯޝިއަލް ސެންޓަރުގެ ބޭރުގައި ވެސް ބޮޑު ސްކްރީން ހަރުކޮށްފައި ހުރެއެވެ. އެހެން ނަމަވެސް މިފަހަރު ބޭރު ތެރޭގައި އެފަދަ ކަންކަން ކުރުމުގެ ފުރުސަތެއް ނެތެވެ.

ޔޫރޯއާ ދިމާކޮށް ނެރޭ ޔޫރޯ ގައިޑް ފޮތަކީ ދިވެހީންގެ މެދުގައި، ވަކީން ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އާދެއެވެ.

ވަން ގެ މާކެޓިން އިން ބުނީ، މާލެ އަދި ހުޅުމާލެއިން ބުކިން ހައްދަވާ ފަރާތްތަކަށް ގައިޑް އިތުރު ފީއެއް ނެގުމަކާ ނުލައި ޑެލިވަރީ ކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ވަންގެ އިދާރާއަށް ވަޑައިގެން ވެސް ގައިޑް ބައްލަވައިގެންނެވޭނެ ކަމަށެވެ.