ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ލަފާ ދީފި އެވެ.

ޒަމީލަށް ދައުވާކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް އެ އިދާރާއިން އަންގާފައިވަނިކޮށް، ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ގައުމީ ދިފާއީބާރުން ކަމަށް އަންގައި އޭނާ ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން ސިޓީ ފޮނުވުމުންނެވެ.

އެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާރ އަހްމަދު ޝަފީއު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ދައުވާއެއް ކުރާ ކޮންމެ މައްސަލައަކީ އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައިވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށާއި އެހެން ކަމުން އެ ބައި ފުރިހަމަ ކުރުމަށް މަޖިލީހަށް ލަފާ ދީފައިވާނެ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މަޖިލީހުގެ ސުލޫކް ކޮމެޓީން އެ މައްސަލަ ވަނީ ރޭ ބޭރުކޮށްލާފަ އެވެ.

އިމްތިޔާޒު ކޮމިޓީން އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. އޭނާ ވިދާޅުވެފައިވަނީ އެ މައްސަލައަކީ އިމްތިޔާޒާއި ސުލޫކާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

ކާނަލް ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފިޔަވައި، އެހެން ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.