ރާއްޖޭގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ސަރުކާރުން ވިސްނުން ގެންގުޅޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ފައިޒާ ވެކްސިނަކީ މިއަހަރުގެ މާޗު މަހުގެ 15ގައި ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ވެކްސިނެެކެވެ. ނަމަވެސް މި ވެކްސިން ދެމުން ދަނީ ހައި ރިސްކު މީހުން ހިމެނޭ ގޮތަށް ވަކި ހާއްސަ ބަޔަކަށެވެ.
އަދި މާބަނޑު މީހުންގެ ތެރެއިންވެސް އެ ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުމަށް ވަނީ ހުޅުވާލައިފައެވެ. މި ވެކްސިނަކީ ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރި 5،850 ޑޯޒުގެ ތެރެއިން ޖަހަމުން އަންނަ ވެކްސިނެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި ފުރާވަރުގެ ކުދިންކަން ފާހަގަކޮށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ވެކްސިން ދެވޭ އާބާދީ ވީހާވެސް ފުޅާކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.
އެގޮތުން މިވަގުތު ލިބެން ހުރި ވެކްސިންތަކުގެ ތެރެއިން ކުޑަކުދިންނަށް ދެވޭ ވެކްސިނަކީ ފައިޒާ ވެކްސިން ކަމުން، ރާއްޖޭގައިވެސް އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ކާމިޔާބު ކަމަށް އިނގިރޭސި ވިލާތުގެ މެޑިސިންސް ރެގިއުލޭޓާ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން ކުރިއަށް ގެންދިޔަ ޓްރަޔަލްތަކުން ވަނީ ދައްކައިފައެވެ. އަދި އެމެރިކާގައި ވެސް އެ އުމުރުފުރާއަށް ފައިޒާ ވެކްސިން ދޭން ވަނީ ނިންމައިފައެވެ.
ޑރ. ޝާހު ވިދާޅުވީ، ފައިޒާ ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބިއްޖެނަމަ، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، އެ ވެކްސިން ދޭން ފެށުމަކީ ސަރުކާރުގެ އުންމީދެކެވެ. ނަމަވެސް ފައިޒާ ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބޭނެ ދުވަހެއް ވިދާޅެއް ނުވެއެވެ.
ރާއްޖޭގައި ބޭނުން ކުރުމަށް މިވަގުތު ހަ ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ ފައިޒާގެ އިތުރުން އިންޑިއާގެ ކޮވިޝިލްޑް އާއި ޗައިނާގެ ސިނޮފާމް އާއި ރަޝިޔާގެ ސްޕުޓްނިކް-ވީގެ އިތުރުން ސްޕެއިންގެ މޮޑާނާ އަދި އެމެރިކާގެ ޖެންސެން ވެކްސިނެކެވެ. މި ހުރިހާ ވެކްސިނަކަށްވެސް ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު