ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހެދިކާ ވިއްކަން ހާއްސަ ޓެންޓުތަކެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނަ ހެދިކާ ޓެންޓުތަކަކީ އާއްމުންގެ މެދުގައި މަގުބޫލު އަދި މި ޓެންޓުތަކުގެ ސަބަބުން އެތައް އާއިލާތަކަކަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެޗްޑީސީން ބުނީ ޓެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމާއި އާންމުންގެ ހިޔާލު ހޯދުމަށް ސެޝަންތަކެއް ބޭއްވި ކަމަށާއި މި ސެޝަންތަކުގެ ބައިވެރިންގެ ހިޔާލުތަކާ އެއްކޮށް އެ ކޯޕަރޭޝަންގެ ފަންނީ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ޕްރޮޖެކްޓްގެ ޕްލޭނެއް އެކުލަވާލައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ބުނީ ހެދިކާ ވިއްކާ ސްޓޯލުތައް ނުވަތަ ޓެންޓުތައް ބަހައްޓައި ހިޔާ ކުރެވިފައިވާ ރޫފް ޝެލްޓާއެއް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލެ ނެއިބަހުޑް 1، 2 އަދި 3ގައި ވެސް މިފަދަ ޝެލްޓާތައް ތަރައްގީ ކުރާނެ ކަމަށާއި ޖުމުލަ 30 ފަރާތަކަށް އެ ޝެލްޓާތަކުގައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ހެދިކާ ވިއްކުމުގެ އިތުރުން އެ ތަންތަނުގައި އޯޕަން އޭރިއާ އާއި ކުޑަކުދިން ކުޅޭ ސަރަހައްދުގެ އިތުރުން ޑަސްބިނާއި ބެންޗުވެސް ބަހައްޓާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ހަރަދުގައި އެ ކޯޕަރޭޝަނުގެ މުވައްޒަފުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު