އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އާއި ސްޕެއިންގެ މޮޑާނާއިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ދެ ވެކްސިނަށްވެސް ހުއްދަ ދީފައިވާނީ އެމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީ މީހުންނަށް ޖެހުމަށް ކަމަށެވެ.
އަދި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވާނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާ ދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ޖެންސެން ފާމަސޫޓިކަލް ކޮމްޕެނީސް އޮފް ޖޯންސެން އެންޑް ޖޯންސެން އިން އުފައްދާ ޖެންސެން ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަޖެންސީ ޔޫސް ލިސްޓިންގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
މޮޑާނާ ބަޔޯޓެކް ސްޕެއިނުން އުފައްދާ މޮޑާނާ ވެކްސިނަކީ މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
އެމްއެފްޑީއޭ އިން ބުނީ، މި ދެ ވެކްސިންވެސް ބަހައްޓަން ޖެހެނީ މައިނަސް 25 ޑިގްރީ ސެލްސިއެސް އާއި މައިނަސް 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމަށެވެ.
އެހެންކަމުން އެ އޮތޯރިޓީން ދެ ވެކްސިނަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހުގަޔާއި އަދި އެހިފައިގެން ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު