ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާ ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ދިޔަ ދިޔާ އެއްޗަކީ ހަލާލު އެއްޗެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައި އާޒިމުގެ ނަން ހިމެނިފައިވެއެވެ. އަދި އާޒިމާއި އަދީބާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގެއްވެސް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފަ އެވެ.
އެ މެސެޖުގައިވާ ގޮތުން ފެންޓަސީ ކުރިމައްޗަށް އައުމަށް އަދީބު އޭނާ ކައިރީ ބުނެއެވެ. އެއީ އަދީބުގެ ގާތް ބޭފުޅެއް ކަމަށްވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ ގެ ހުންނަ ސަރަހައްދެވެ. އަދީބު އޭނާއަށް ފޮނުވި މެސެޖުގައި ދަބަހެއް ގެންނަން އެދިފައިވެއެވެ.
އެ ދަބަހާ ގުޅޭ ގޮތުން މީގެ ކުރިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވަނީ އެދަބަހުގައި ހުރީ ދިޔާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.
ސީއެންއެމް ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެ ދަބަހުގައި ހުރި ދިޔާ އެއްޗަކީ ހަރާމް އެއްޗެއް ނޫން ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ދެ މަސް ފަހުން އެއީ ކޯއްޗެއްކަން މީޑިއާގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އަދި އިހަށް ބާއްވަދީ އަދި ދެ މަހަށްފަހު، އަޅުގަނޑު މިވަގުތު ހަމަ އަދި އިހަށް ބޭނުން ނުވަނީ އެވާހަކަ ދައްކަން. އަޅުގަނޑު މިވާހަކަ ހަމަ މިދޫކޮށްލަނީ ހަމަ ވަކި ބޭނުމެއް އޮވެގެން އިނގޭތޯ. މިވާހަކަ ސުވާލު އުފެދޭ ގޮތަށް. އެހެންވީމަ އަޅުގަނޑު މި ދަންނަަވަނީ އަޅުގަނޑު ދެމަހެއްހާ ދުވަސް ފަހުން އެއީ ކޯޗެއްތޯވެސް ބުނެދޭނަން. މީޑިއާގަ ބުނެދޭނީވެސް،" އާޒިމް ވިދާޅުވިއެވެ.
ދަބަހުގައި ގެންދިޔައީ ދިޔާ އެއްޗެއް ކަމަށް އާޒިމު ވިދާޅުވުމުން އޭގެ ތަފުސީލު ހާމަކުރުމަށް ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ. އަދި އެކަންތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް އާންމުން ވަނީ ގޮވާލާފަ އެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓެއް ލީކް ކޮށްލާފައިވާއިރު އޭގައިވާ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް ތުހުމަތު ކުރެވެނީ އެއް މިލިއަންގެ މައްސަލަ އެވެ. އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި އަލީ އާޒިމްގެ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލަސިސް އިން، އެކި ފަހަރު މަތިން އަލީ އާޒިމް ފައިސާ ހޯދާފައިވާ ކަމާއި، ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓާ ހެޑް ހޯދާފައިވާ ކަމާއި، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަންގައި، އަދީބު އަތުން ހޯދާ ފައިސާ ބޭނުން ކޮށްގެން މެންބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެ ވާހަކަތައް އާޒިމް ވަނީ ދޮގު ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު