ށ. ފުނަދޫގައި އިއްޔެ ހިނގި ޖެޓްސްކީ އެކްސިޑެންޓެއްގައި އެ ރަށު ރޯޒީ، އުމުރުން އެންމެ 22 އަހަރުގެ ޝުނާން ޝަރީފު މަރުވި ހިތާމަވެރި ހިތްދަތި ހާދިސާގެ ސަބަބުން މުޅި ރަށަށް ވަނީ މޮޅިވެރިކަމާއި ހިތާމަވެރިކަން ލިބިފަ އެވެ. ޝުނާން މަރުވެފައި ވަނީ މި އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. މި އެކްސިޑެންޓު ހިނގި ވަގުތު އެންމެ ކައިރީގައި ހުރި އެކުވެރިޔަކު ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް 'ވަން'އާ ހިއްސާ ކޮށްފަ އެވެ.
ހާދިސާގެ މައުލޫމާތު ހޯދަން ވަންގެ ޓީމުން އިއްޔެ މަސައްކަތް ކުރި ނަމަވެސް ހާދިސާގައި މަރުވި ޝުނާން ޝަރީފްއާ އެކު މޫދަށް ދިޔަ ގިނަ އެކުވެރިންނަށް ލިބިފައިވާ ޝޮކާއި ފުން ހިތާމައިގެ ސަބަބުން ވާހަކަތައް ކިޔައިދެވޭ ގޮތެއް ނުވި އެވެ.
އާދައިގެ މަތީން އިއްޔެ ވެސް ޝުނާންއާ އެކު 10 ވަރަކަށް އެކުވެރީން ހިމެނޭ ގްރޫޕަކުން މޫދަށް ދިޔައީ އޭގެ ކުރީ ދުވަހު ދަތުރު ރޭވުމަށް ފަހުގަ އެވެ. ފުނަދޫގައި ހިންގާ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް އިޝްތިހާރު ކުރުމަށް ފޮޓޯއާއި ވީޑިއޯ ކޮޅެއް ނެގުމުގެ އިތުރުން ކައްކައި ކައި މަޖާ ކޮށްލުމަށް ރާވައިގެންނެވެ.
"ވަރަށް އެއްކޮށް މަޖާކޮށް އުޅުނީ އެދުވަހު ވެސް. އެއްވެސް ގޮތަކަށް އުންމީދެއް އަދި ހިއެއް ވެސް ނުކުރަން މި ކަހަލަ ގޮތަކަށް މި ދަތުރު ނިމިގެން ދާނެ ކަމަކަށް. އަދިވެސް ގަބޫލެއް ނުކުރެވޭ،" ޝުނާންއާ އެކު ދަތުރު ދިޔަ އެކުވެރިޔަކު ކިޔައިދިނެވެ.
މެންދުރު އެކެއް ޖެހިއިރު އެންމެން ހަމަވުމުން އެ ރަށުގެ ރައްޔިތުން ތަރައްގީ ކޮށްފައިވާ ސަން ރައިޒް ބީޗަށް އެ މީހުން ދިޔައީ ސަކަރާތް ޖަހައި މަޖާކޮށްލުމަށެވެ.
"އެކި މީހުން އެކި ކަންކަމުގައި އުޅުނީ. ޖެޓްސްކީގެ ފަހަތުގައި ވަލެއް ޖަހަގައިގެން ފަހަރަކު ދެ މީހުން ލައިގެން ފަންޓިއުބް ދުއްވަމުން ދަނިކޮށް އެކަންތައް ހިނގީ،"
މިދިޔަ އަހަރު ފުނަދޫ ރައްޔިތުން ތަރައްގީ ކުރި ސަން ރައިޒް ބީޗް މޫދުގައި އުނދޯއްޔެއް އެލުވުމަށް ޖަހާފައި ހުރި ދެ މުޑީގެ ތެރެއިން އެއް މުޑި ހުންނަނީ ވެއްޓިފަ އެވެ. ނަމަވެސް ވެއްޓިފައި ވާ މުޑި ވެސް އިއްޔެ އޮތީ ނަގައި ކޮޅަށް ޖަހާފަ އެވެ.
"އޭތި ދާނީ ފެނުން ކެޓިގެން ގިނަ ފަހަރަށް. ދެން އަސްލު ވީ ގޮތަކީ އަނބުރާލި ގަޑީގައި އޭގައި އިން އެއް ކުއްޖަކު ސަލާމަތް ވުމަށް ފުންމާލި. ޝުނާނަށް ފުންމައި ނުލެވި ކޮންޓްރޯލުން ނައްޓައިގެން ގޮސް މުޑީގައި ޖެހުނީ،" ޝުނާންއާ އެކު މޫދަށް ދިޔަ އެކުވެރިޔަކު ކިޔައިދިނެވެ.
ފަންޓިއުބު އަނބުރާލި ގަޑީގައި ޝުނާން ވިއްސައިގެން ގޮސް ޖެހުނީ އެތަނުން ގަދަކޮށް ހުރި މުޑީގަ އެވެ.
"މަ ހުރީ ކެނޯއެއް ހިފައިގެން އަތިރިމަތީގައި. އޭނާ ވެއްޓުމާ އެކު ދުވެފަ ދިޔައިރު އޮތީ ބަނޑުވަތަށް. މަޑުމަޑުން ނަގައިގެން އެއްގަމަށް ގެނައީ. އޭރުވެސް ނޭވާ ނުލެވިގެން އުޅެނީ. ވަރަށް އުނދަގުލުން ދެ ނޭވާއެއް ލާފައި ދެން ހުއްޓުނީ،" ޝުނާން މޫދުން ނަގައިގެން އެއްގަމަށް ގެނައި އޭނާގެ އެކުވެރިޔާ ކިޔައިދިނެވެ.
ޝުނާން ނަގައިގެން އެއްގަމަށް ގެނައިއިރު އޭނާގެ މޫނު މައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައި ހުރިކަމަށް އެކުވެރިޔާ ކިޔައިދިނެވެ. އަދި ޝުނާން އަޅައިގެން ހުރި ލައިފް ޖެކެޓް ނައްޓާލައި ސީޕީއާރު ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަނުގައި އެވަގުތު ހުރި ފަސްޓް ރެސްޕޮންޑާ ޓްރެއިނިން ހަދައިގެން ހުރި މީހަކު. އޭރު އެމްބިއުލަންސް އަށް ވެސް ގުޅައިފި. އެމްބިއުލަންސް އައުމުގެ ކުރިން ސީޕީއަރުވެސް ވެސް ދިނިން،" އެތަނުގައި ހުރި މީހަކު ވަން އަށް ބުންޏެވެ.
ވިއްސައިގެންގޮސް ދަނޑީގައި ޖެހި ޝުނާންގެ ބޮލާއި މެޔަށް އަނިޔާ ވެފައި ހުރިކަން ފާހަގަ ވެފައި ވާތީ ސީޕީއާރު ދިނީ ވަރަށް ފަރުވާތެރިކަމާ އެކު އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް ބަލައިގެން މެއިން ތިރިއަށް ކަމަށް މަންޒަރު ދުށް ފަރާތަކުން ބުންޏެވެ.
ޝުނާނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގުޅީ 3:30 ވަނިކޮށް ކަމަށް ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ޒުމްރަތު 'ވަން' އަށް ވިދާޅުވި އެވެ. އަދި ކޯލް ލިބުނުތާ އަށް ވަރަކަށް މިނެޓް ތެރޭގައި އެތަނަށް އެމްބިއުލަންސް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް އަވަހަށް އެމްބިއުލަންސް އެތަނަށް އެޓެންޑް ވެފަ ވާނީ. ދިހަވަރަކަށް މިނެޓް ތެރޭގައި ހޮސްޕިޓަލުން ޑޮކްޓަރު ވެސް އެޓެންޑް ވެފައިވޭ. ނަމަވެސް ޑޮކްޓަރު ވިދާޅުވެފައިވަނީ ހޮސްޕިޓަލަށް ގެނައި އިރު ވެސް ފުރާނަ ނެތް ކަމަށް،" ޒުމްރަތް ވިދާޅުވި އެވެ.
ޝުނާނުގެ ބޮލާއި މޫނު މައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އަށް ވަރަކަށް ދަތް ވެސް ވެއްޓިފައިވާ ކަމަށް ޒުމްރަތް ވިދާޅުވި އެވެ.
ޝުނާނުގެ ޖަނާޒާ ރޭ އިޝާ ނަމާދަށް ފަހު އެ ރަށުގައި ބާއްވާފައިވާއިރު، އޭނާއަކީ އެ އާއިލާގެ އެންމެ ދޮއްޓަށް ހުންނަ މީހާ އެވެ. ކޮވިޑް-19 އިގެ ކުރިން ރިސޯޓް ދާއިރާގައި މަސައްކަތް ކުރާން އުޅުމަށް ފަހު މިދިޔަ އަހަރު ރަށަށް ބަދަލުވި ޝުނާންގެ ހަގަށް ތިން ކުދީން ތިބެއެވެ. އެއީ ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ. ރަށައް ބަދަލުވެ ޝުނާން މަސައްކަތް ކުރަމުން ދިޔައީ އާއިލީ ވިޔަފާރީގެ ތެރޭގަ އެވެ. ޝުނާން އަދި ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް