ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ މޫނުގެ ސާޖަރީއަށްފަހު ބެލްޖިއަމް ސްކޮޑާ ގުޅެން ތައްޔާރުވެއްޖެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީ މިޑްފީލްޑަރު ކެވިން ޑިބްރޭނާގެ ނޭފަތް ފަޅައިގެން ގޮސް މެޗުގެ މެދުތެރެއިން ބާލަން ޖެހިފައިވެއެވެ. ސްކޭން ރިޕޯޓްތައް ދައްކާފައިވާ ގޮތުން ޑިބްރޭނާގެ ނޭފަތާ ދިމާއިން ބައެއް ކުދި ކަށިކޮޅުތައް ވަނީ އަނިޔާގެ ސަބަބުން ބިނދިފައެވެ. އެ ކަށިކޮޅުތަކުގެ ރިކަވަރީ އަވަސް ކުރުމަށް ޑިބްރޭނާ ވަނީ މައިނާ ސާޖަރީއެއް ހަދާފައެވެ.

ބެލްޖިއަމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޑިބްރޭނާ ސްކޮޑާ ގުޅޭނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުއެވެ. ބެލްޖިއަމްއިން 12 ދުވަހު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަޝިއާއާ ދެކޮޅަށް ނުކުންނަން ޖެހެއެވެ. އަދި އޭގެ ފަހުން ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ފިންލޭންޑާ ދެކޮޅަށް ބެލްޖިއަމް ގްރޫޕް ސްޓޭޖުގައި ކުޅޭނެއެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ އޮޕަރޭޝަނަށް ހޭދަވީ 20 މިނެޓް ކަމަށާއި، ސާޖަރީ ނިންމާލެވުނީ ކާމިޔާބުކޮށް ކަމަށެވެ. މާޓިނޭޒް ބުނެފައި ވަނީ ޑިބްރޭނާގެ ރިކަވަރީއަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވާނެ ކަމަށާއި، މެޑިކަލް ޓީމުން ޑިބްރޭނާގެ އަނިޔާ ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

ބެލްޖިއަމްއަކީ މިވަގުތު ދުނިޔޭގެ އެއްވަނައިގައި ރޭންކް ކޮށްފައިވާ ޓީމެވެ. އެޓީމުގެ ރަން ޖީލެއް އުފެދިގެން އައިސް ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ޓީމަކަށް ވެފައިވާއިރު، އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމެވެ. އެޓީމަށް އަދި ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.