ށ. ފުނަދޫގައި ހިނގި ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިރޭ "ވަން" އަށް ވިދާޅުވީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ޖެޓްސްކީގެ ފަހަތުގައި ޖަހާފައި އައްސާފައި އޮތް ސީބެޑްގައި އިން 22 އަހަރުގެ ޒުވާނެއް ކަމަށެވެ.

އެގޮތުން ޖެޓްސްކީގެ ފަހަތުގައި ސީބެޑް ޖަހައިގެން ދުއްވަނިކޮށް، މޫދުގައި ޖަހާފައި ހުރި އުނދޯއްޔަކުން ނައްޓަން އަނބުރާލި ގަނޑީގައި، ސީބެޑްގައި އިން ޒުވާނާ އެ އުނދޯލީގައި ގޮސް ޖެހި ޒަހަމްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެޓްސްކީގެ ފަހަތުގައި ސީބެޑެއް އައްސައިގެން މި މީހުން ދުއްވީ، ސީބެޑުގައި ދެ މީހުން ތިބި. ދެން ދުއްވަމުން ގޮސް، މޫދުގައި ޖަހާފައި ހުރި އުނދޯއްޏަކުން ނައްޓަން ވެގެން ޖެޓްސްކީ އަނބުރާލީ، އަނބުރާލި ގަޑީގައި ބެލެންސް ކެޓީ. ކަޓައިގެން ގޮސް ސީބެޑް ޖެހުނީ އުނދޯލީގައި. އޭރު އޭގެ ފަހަތުގައި އެކަކު އިނީ، އަނެއް މީހާ ފުންމާލައިފި، އެކުއްޖާއާ އެއްކޮށް ގޮސް ޖެހުނީ އުނދޯލީގައި،" އޭނާ ވިދާޅުވިއެވެ.

އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުނަދޫ ހޮސްޕިޓަލަށް ޒުވާނާ ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީ އަނބުރާލި ވަގުތު އޭގެ ފަހަތުގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފުންމާލި ކަމަށާއި އަނެއް މީހާ ވިއްސައިގެން ގޮސް، އެއްގަމުގައި ޖަހާފައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހި ޒަހަމްވެފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބިފައިވާނީ މިއަދު ހަވީރު 4:00ގައި ކަމަށްވެސް ބުންޏެވެ.