ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާ، ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު އޮތް ގޮތަށް ފާސްވުމަކީ، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ މީހުންނަށް، އެކަން ކުރުމަށް ހުޅުވާލެވޭ ގާނޫނީ ދޮރެއް ކަމަށް ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އެ ބިލާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ނިންމުން ހާމަކޮށް އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާތް ﷲގެ ހަޒުރަތަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އެއީ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށެވެ.

އަދި އެކަން ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ބިލު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމައު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މި ބިލު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް އެ މަފްހޫމުގައި ފާސްކޮށް ރައީސް ތަސްދީގު ކުރައްވައިފިނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ ހަޒުރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާލެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ޖޭޕީން ވަނީ އެ މައްސަލައިގައި ގިނަ ސުވާލުތަކެއްްވެސް އުފައްދައިފައެވެ.

އެގޮތުން މާތް ﷲގެ ހަޒުރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދައި މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނޫނުތަކުގައި ބުނެދީފައި އޮތް ނަމަވެސް، އެއްވެސް ސަރުކާރަކުން އެފަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ވަނީ ސުވާލުކޮށްފައެވެ.

އަދި އެކަލާނގެ ހަޒުރަތަށާއި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ލޯބި ކުރާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ ބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރަން ވޯޓު ދެއްވަފާނެތޯ އާއި ބިލު ފާސްކުރަން ވޯޓު ދެއްވައިފިނަމަ އެބޭފުޅުން މާތް ﷲ ގަންދެއްވައި ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފުވީ ކަމަށް ނުވާނެތޯވެސް ސުވާލު އުފައްދާފައިވެއެވެ.

ޖޭޕީން ބުނީ، މިސަރުކާރު އޮތުމަށް ތާއީދުކުރާ އެކަކުވެސް އެ ބިލު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ގާނޫނަކަށް ހެދުމަށް ތާއީދު ނުކުރާނެ ކަމަށެވެ.