ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން ކަމަށް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދެއްވި ބަޔާނުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، އިންސާނުންގެ ވަށައިގެންވާ މާހައުލާއި ތިމާވެށީގެ ދުޅަހެޔޮކަމަކީ، އިންސާނުންގެ ސިއްހަތުގެ ދުޅަހެޔޮކަމަށާއި ބަނޑުފުރާނަ މުއްތިކުރުމަށް ވަރަށް މުހިންމު ކަމެއްކަން ތާރީހު ބުނެދޭ ކަމަށެވެ. އަދި ވަށައިގެން ވާ މާހައުލާ ގުޅުންކެނޑުމަކީ އިންސާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ކޮވިޑުގެ މި ހާލަތުން ބުނެދޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމުގެ ގޮތުން، 2030 އާ ހަމައަށް އެންމެ ކުޑަވެގެން ރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ 20 ޕަސެންޓް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ހިމާޔަތް ކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެ ބޮޑަށް ކުރާނީ އަދި ކުރަން ވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.
އެ މޭރުމުން، ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަން ރައްކާތެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް އާ ވިސްނުންތަކަކާ އެކު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރެވޭ ފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްގީ މި ރާއްޖެއަށް ގެނައުން. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ،" މިނިސްޓަރު ޝައުނާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ ހިތާބުގައި ކުރިއަށް އޮތް 10 އަހަރަކީ، ގަސް ހެއްދުމާއި ދިރޭތަކެތީގެ މާހައުލަށް ރައްކާތެރިވުމާއި ތަގައްޔަރުވެފައިވާ ކަނޑުތަކާއި ޖައްވު ސާފުކުރުމުގެ 10 އަހަރު ކަމުގައި ހެދުމަށް ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު