ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މެޑިކަލް އިމަޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް ބަދަލު ގެނެސް، އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދު މަރުވުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް، ހެލްތު މިނިސްޓްރީން އެ މައްސަލައިގެ ކޭސް ރިވިއު ހެދުމަށްފަހުއެވެ. މިނިސްޓްރީން މިރޭ ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި މިނިސްޓްރީން ވަނީ އެތައް އިހުމާލުތަކެއް ފާހަގަކޮށްފައެވެ. އެގޮތުން މިޝްކާގެ ހާލަތު ގޯސްވުމުން ބެލެނިވެރިޔާ އެކަން އެންގި ނަމަވެސް، އެމްބިއުލާންސް އެކްޓިވޭޓް ނުކުރުމުން އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާ ކަމަށާއި އެއީ ސިއްހީ އެމަޖެންސީއެއްގައި އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވަނީ ބެލެނިވެރިޔާގެ ފަރާތުން ދަރުބާރުގެއަށް މީހަކު ފޮނުވުމުން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި ދެވަނަ ފަހަރަށް އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާތަނަށް ކުރެވެމުން އަންނަ ކަންކަން ވަނީ ހިމަނައިފައެވެ. އެގޮތުން އެއް ކަމަކަށް އެޗްއީއޯސީގެ މެޑިކަލް އިމަޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމައިފައެވެ.

  • ކޯލް ސެންޓަރަށް އަންނަ އިމަޖެންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނީޓާކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން.
  • ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން.
  • އިމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަން ޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުން.
  • އިމަޖެންސީ ކޭސްއަކާ ގުޅޭ މައުލޫމާތު ޑީއެމްއާރުޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑުވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
  • ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން އިމަޖެންސީ ކޭސްތަކުގައި ޑީއެމްއާރުޓީން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ރޭވުން.
  • މިކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ "އޯބީ" ސިސްޓަމް ހުރިހާ ކްލަސްޓާތަކަކުން، ގަވައިދުން ބޭނުންކުރަމުންގެންދާކަން ކަށަވަރުކުރުން. އަދި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭ އިންތިޒާމު މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ހަމަޖައްސައި، އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެ ތަންތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް "ވޯކް އިން" ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެތަނަކުން އެމީހަކު ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަން އެނގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އީއެމްއެސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ހިދުމަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮވިޑު ބަލީގައި މިޝްކާ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުތަކެއްވާ ކަން ފާހަގަކުރައްވައި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.