ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި މަރުވި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ ހާލު ދެރަވެ އޭނާގެ ބެލެނިވެރިންނަށް ޑޮކްޓަރަކާ ގުޅުނީވެސް އެތައް އިރެއް ފަހުން ކަމަށް މިޝްކާގެ މަރުގެ މައްސަލައިގެ ކޭސް ރިވިއުގައި ބުނެފިއެވެ.
ކޮވިޑުގައި މިޝްކާ މަރުވުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް، ހެލްތު މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައިފައެވެ. އެގޮތުން މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެ ރިޕޯޓުގައި ވަނީ މައުލޫމާތު އެއްކޮށްފައެވެ. މިނިސްޓްރީން މިރޭ ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ އުސޫލު ހަމަޖެހިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށްޓަކައި ގުޅަން ޖެހޭ ކަމަށާއި ނަމަވެސް އެ ކްލަސްޓާއިން ވެސް ދެ ދުވަހުގެ ތެރޭގައި މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާ ކަމަށެވެ.
މިޝްކާގެ ހާލު ގޯސްވުމާ ގުޅިގެން އެޗްއީއޯސީއަށް އެންގުމަށް ބެލެނިވެރިޔާ ގުޅީ މެއި 31ގެ ރޭ 9:06 ގައެވެ. އޭރު ހާލު ގޯސްވާހެން ހީވާ ކަމަށާއި ނޭވާލާން އުނދަގޫވެ އަތް ތަޅުވާ ހަދާ ކަމަށް ބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. ކޯލް ސެންޓަރުން މައުލޫމާތުތައް ޝީޓަށް އެޅުމަށްފަހު، އެކަން އެންގިތާ 47 މިނެޓު ފަހުން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅަން މަސައްކަތްކުރި ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައި ނުވާ ކަމަށާއި މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީން އަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނީ ޑޮކްޓަރުގެ ކޯލު މިސްވެފައިވުމުން ބެލެނިވެރިޔާ އެ ރޭ 10:06ގައި ކޯލް ސެންޓަރަށް އަލުން ގުޅި ކަމަށާއި ކުއްޖާއަށް ނޭވާލާން އުނދަގޫވާ ކަމަށް ބެލެނިވެރިޔާ މައުލޫމާތުދީފައިވާ ކަމަށާއި އެ ކޯލުގެ މައުލޫމާތު "އޯބީ" ސިސްޓަމަށް އެވަގުތު އަޅާފައިވާ ކަމަށެވެ.
ޑޮކްޓަރު އަލުން ބެލެނިވެރިޔާއަށް ގުޅީ 27 މިނެޓު ފަހުންނެވެ. ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް ގުޅުމުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން މިއީ ކޮވިޑް ކޭސްއެއް ކަމާއި، އެއް ދުވަސް ވަންދެން ނޭވާލާން އުނދަގޫވާ ކަމާއި، ދެ ދުވަހު ހިކި ކެއްސުމާއި، ހަ ދުވަސް ވަންދެން ހުން އަންނަ ކަމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމާއި، އެއްވެސް ދާއިމީ ބޭހެއް ބޭނުންނުކުރާ ކަމާއި، ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި، އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭ ކަމުގެ މައުލޫމާތު ބެލެނިވެރިޔާ ދީފައިވާ ކަމަށް ޑޮކްޓަރު ނޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ، މިޝްކާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން އެރޭގެ 11:16 އިން 11:33 އަށް ފަސް ފަހަކަށް ބެލެނިވެރިޔާ ކޯލް ސެންޓަރު ގުޅާފައިވާ ކަމަށެވެ. އެތަނުން އެއް ކޯލްގައި މިޝްކާ ބަލާ އެމްބިއުލާންސް ފޮނުވާނެ ކަމަށް ބުނި ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ނުކޮށް އިނުމުން އެމްބިއުލާންސް އައުމަށް 2 ގަޑި އިރާއި 26 މިނެޓް ހޭދަވެފައިވާ ކަމަށާއި އެއީ ސިއްހީ އެމަޖެންސީއެއްގައި އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މިޝްކާގެ މަރުގެ މައްސަލައިގެ ރިވިއު އާންމުކޮށްފައިވާ އިރު، އެ މައްސަލައިގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު