ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި މަރުވި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް ފޮނުވީ ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާގެއަށް ދިއުމުން ކަމަށް އެ މައްސަލައިގެ ކޭސް ރިވިއުގައި ބުނެފިއެވެ.

ކޮވިޑުގައި މިޝްކާ މަރުވުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް، ހެލްތު މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައިފައެވެ. އެގޮތުން މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެ ރިޕޯޓުގައި ވަނީ މައުލޫމާތު އެއްކޮށްފައެވެ. މިނިސްޓްރީން މިރޭ ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މިޝްކާގެ ސާމްޕަލް ނަގައި، ޖެހިގެން އައި ދުވަހު އެ ސާމްޕަލް ޓެސްޓުކޮށް، ޕޮޒިޓިވްކަން 30 ވަނަ ދުވަހު ވަނީ އަންގައިފައެވެ. ޑޮކްޓަރަށް ދައްކަން ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން، ބޭނުންވާ ކަމަށް ބެލެނިވެރިޔާ އެދިފައިވީ ނަމަވެސް، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަން ޖެހޭ ކަމަށާއި ނަމަވެސް އެ މައުލޫމާތު ސިސްޓަމަށް އަޕްޑޭޓްކޮށްފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އުސޫލު ހަމަޖެހިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށްޓަކައި ގުޅަން ޖެހޭ ކަމަށާއި ނަމަވެސް އެ ކްލަސްޓާއިން ވެސް ދެ ދުވަހުގެ ތެރޭގައި މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން މިޝްކާގެ ހާލު ގޯސްވުމާ ގުޅިގެން އެޗްއީއޯސީއަށް އެންގުމަށް ބެލެނިވެރިޔާ ގުޅީ މެއި 31ގެ ރޭ 9:06 ގައެވެ. އޭރު ހާލު ގޯސްވާހެން ހީވާ ކަމަށާއި ނޭވާލާން އުނދަގޫވެ އަތް ތަޅުވާ ހަދާ ކަމަށް ބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ކޯލް ސެންޓަރުން މައުލޫމާތުތައް ޝީޓަށް އެޅުމަށްފަހު، އެކަން އެންގިތާ 47 މިނެޓު ފަހުން މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)ގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅަން މަސައްކަތްކުރި ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައި ނުވާ ކަމަށާއި މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީން އަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޑޮކްޓަރުގެ ކޯލު މިސްވެފައިވުމުން ބެލެނިވެރިޔާ އެ ރޭ 10:06ގައި ކޯލް ސެންޓަރަށް އަލުން ގުޅި ކަމަށާއި ކުއްޖާއަށް ނޭވާލާން އުނދަގޫވާ ކަމަށް ބެލެނިވެރިޔާ މައުލޫމާތުދީފައިވާ ކަމަށެވެ. އަދި އެ ކޯލު މައުލޫމާތު "އޯބީ" ސިސްޓަމަށް އެވަގުތު އަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ޑޮކްޓަރު އަލުން ބެލެނިވެރިޔާއަށް ގުޅީ 27 މިނެޓު ފަހުންނެވެ. ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް ގުޅުމުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން މިއީ ކޮވިޑް ކޭސްއެއް ކަމާއި، އެއް ދުވަސް ވަންދެން ނޭވާލާން އުނދަގޫވާ ކަމާއި، ދެ ދުވަހު ހިކި ކެއްސުމާއި، ހަ ދުވަސް ވަންދެން ހުން އަންނަ ކަމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމާއި، އެއްވެސް ދާއިމީ ބޭހެއް ބޭނުންނުކުރާ ކަމާއި، ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭ ކަމުގެ މައުލޫމާތު ބެލެނިވެރިޔާ ދީފައިވާ ކަމަށް ޑޮކްޓަރު ނޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އެ ރޭ 10:39 ގައި އެ މައުލޫމާތު ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަށް ޑޮކްޓަރު ފޮނުވި ނަމަވެސް، އެންބިއުލާންސް ދާން އަންގާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމްބިއުލާންސް ފޮނުވާފައި ނުވުމުން އެ ރޭ 11:16 އިން 11:33 އާ ދެމެދު ފަސް ފަހަރެއްގެ މަތިން ބެލެނިވެރިޔާ ގުޅި ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

"މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދައްވަމުންދާ ކަމާއި، ހޭނެތިފައިވާކަމާއި ނޭފަޔތުން ލޭ އަންނަ ކަމަށް ބުނެފައިވެއެވެ. މި ކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިއުލަންސް އެކްޓިވޭޓްކޮށްފައި ނުވެއެވެ..،" ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން އެމްބިއުލާންސް ލަސްވެގެން، އެ ރޭ 11:27 ގައި ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ގޮސް، އެކަން އަންގާފައިވާ ކަމަށާއި އޭގެ ފަސް މިނެޓު ފަހުން އެމްބިއުލާންސެއް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާއިން އަންގާފައިވާ ކަމަށެވެ. އަދި އޭގެ މިނެޓެއް ފަހުން އެމްބިއުލާންސް ދާނެ ކަމަށް ބެލެނިވެރިޔާއަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްބިއުލާންސް ބޭނުންވާ ކަމަށް އެޗްއީއޯސީން އެންގިތާ ހަ މިނެޓު ތެރޭ އެމްބިއުލާންސް އެ ގެއަށް ގޮސްފައިވާ ކަމަށާއި އެމްބިއުލާންސް ދިޔަ އިރު، ކުއްޖާގެ ހަރަކާތެއް ނެތުމުން ވަގުތުން ސީޕީއާރު ހަދަން ފެށި ކަމަށެވެ. އަދި ކުއްޖާ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދެވެފައިވަނީ އެ ރޭ 11:42 ގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެމްބިއުލާންސް ފޮނުވުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވިއެވެ.