ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ރާއްޖެ ބަލިކޮށް، ސީރިއާއިން ކޮލިފިކޭޝަން ފަހު ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ކޮލިފިކޭޝަން ގްރޫޕް އޭގައި ރާއްޖެއާއި ސީރިއާ ޑުބާއީގައި މިރޭ ކުޅުނު މެޗު ސީރިއާއިން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް، 4-0ގެ ނަތީޖާއަކުންނެވެ.
މިއީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ކޮވިޑް 19ގެ ހާލަތާ ގުޅިގެން ގައުމީ ޓީމުތަކުގެ މެޗުތައް، ކޮލިފިކޭޝަން މެޗުތައްވެސް ހިމެނޭހެން ވަނީ ހުއްޓާލަން ޖެހިފައެވެ. ރާއްޖޭގެ ލީގު ފުޓުބޯޅައަށްވެސް ކޮވިޑް 19 އާ ގުޅިގެން މެދުކެނޑުންތަކެއް އައިސްފައިވާ އިރު، މިރޭގެ މެޗަށް ތައްޔާރުވީވެސް އުނދަގޫ ހާލަތެއްގައެވެ. މެޗުގެ ކުރިން ކޯޗު މާޓިން ކޫޕްމަން ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ. އެހެންނަމަވެސް ކޯޗުގެ ފުރަތަމަ މެޗަށް އޭނާ ނުކުތީ އުންމީދާ އެކުގައެވެ.
މިރޭގެ މެޗަށް ރާއްޖެއާއި ސީރިއާ ނުކުތީ ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައެވެ. މެޗުތައް ފުރަތަމަ ޗައިނާގައި ސެޓްރްލައިޒްކޮށް ކުޅެން ނިންމި ނަމަވެސް ފަހުން ޑުބާއީއަށް ބަދަލުކުރީ ޗައިނާއަށް އެތެރެވުމަށް ޓީމުތަކަށް އުނދަގޫތަކާ ކުރިމަތިވެގެންނެވެ.
މެޗަށް ރާއްޖެ ތައްޔާރުވަމުން ދިޔައިރުވެސް ކޮވިޑްގެ ކޭސްތަކާ ހެދި ބައެއް މުހިއްމު ކުޅުންތެރިންނަށް ވަނީ މެޗުގެ ފުރުސަތު ގެއްލިފައެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލަން ޖެހެނީ ކޮލިފިކޭޝަންގައި ރާއްޖެއަށް އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަށް ކޮވިޑް ޖެހި މެޗުގައި ނުކުޅެވުމެވެ. އޭނާ މިހާރު ރަނގަޅުވެފައިވީ ނަމަވެސް ޓީމާ ގުޅޭނީ މާދަމާއެވެ. ދަގަނޑޭއަކީ ގްރޫޕް އޭގައި ރާއްޖެއާއި ސީރިއާ ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. 2-1 އެ މެޗު ސީރިއާ ކާމިޔާބު ކޮށްފައިވާ އިރު، ސީރިއާ މިރޭގެ މެޗަށް ނުކުތީވެސް ގްރޫޕްގެ އެއްވަނައިގައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ސީރިއާ އެޓޭކަށް ޖެހި ރާއްޖޭގެ ޑިފެންސް މާޔޫސްކޮށްލިއެވެ. ރާއްޖޭގެ ޓީމު އެކީ އެކައްޗަކަށް ޑިފެންސްކޮށް، ކައުންޓާއަށް ވިސްނައިގެން ކުޅެފައިވާކަން ފާހަގަކޮށްލެވުނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ސީރިއާގެ ފުރަތަމަ ހަމަލާ ގޯލަށް އަމާޒުކޮށްލިއެވެ. އަލާ އަލްދިން ޔާސިން ދާލީ ދުރުން ފޮނުވާލި ބާރު ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
އޭގެ ފަހުންވެސް ނުރައްކާކޮށް ފެނުނީ ސީރިއާއެވެ. ފެންވަރަށް ބަލާއިރު އޭޝިއާގެ އެންމެ މަތީ ފަންތީގައި ސީރިއާ ގުނާލެވޭކަން އެޓީމުގެ ކުޅުމުން ފެނުނުވެސް މެއެވެ. ޕާސިން ރަނގަޅު ފުޓުބޯޅައެއް ސީރިއާއިން ފެނުނެވެ. ހަމަލާތައްވެސް ގިނައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ސީރިއާއަށް ހުސް ފުރުސަތެއް ލިބުނެވެ. ގޯލްކީޕަރު ފައިސަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެފައި ސީރިއާގެ އައީސް އޮސްމާން ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގައި ރާއްޖެއަށް ކައުންޓާގެ ހަމަލާއެއް ފާހަގަވިއެވެ. މުހައްމަދު އުމައިރު އޭރިއާ ތެރެއަށް ވަދެ އަރިމަތިން ފޮނުވާލި ހަމަލާ ބޭރަށް ދިޔައިރު، އޭގެ ފަހުން އެންމެ އެދެވޭ ފުރުސަތެއް ތަނަވަސް ނުކުރެވިގެން އުޅެނިކޮށް ސީރިއާއިން ފުލުފުލުގައި ތިން ގޯލް ޖެހިއެވެ. އޭގެ ތެރެއިން ދެ ގޯލަކީ ޕެނެލްޓީގައި އެޓީމުން ޖެހި ދެ ގޯލެވެ. އައީސް އޮސްމާން އާއި މަހްމޫދު އަލްމަވާސް ސީރިއާ ޕެނެލްޓީތައް ކާމިޔާބު ކޮށްދީފައިވާ އިރު، އެޓީމުން ޖެހި ފުރަތަމަ ގޯލަކީ އަރިމަތިން ތައީރު ކުރޫމާ ދިން ބޯޅައަކުން ސީރިއާއަށް ދެވަނަ ޕެނެލްޓީ ކާމިޔާބުކޮށްދިން މަހްމޫދު އަލްމަވާސް ޖެހި ގޯލެކެވެ.
ފަހު ހާފުގެ ކުރީކޮޅުގައި ރާއްޖޭގެ ކުޅުން ރަނގަޅުކޮށް ފެނިގެން ގޮސްފައިވެއެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ހަމަލާއެއް ސީރިއާ ގޯލްކީޕަރު މަތަކޮށްފައިވެއެވެ. ފަހު ހާފުގައި ސީރިއާގެ ހަމަލާތައްވެސް މަދުކޮށް ފެނިފައިވާ އިރު، ރާއްޖޭގެ އެންމެ އިތުބާރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި އެރީ މުހައްމަދު ސާއިފެވެ. މެޗުގައި ސީރިއާއިން ޖެހި ހަތަރުވަނަ ގޯލަކީ 71 ވަނަ މިނެޓުގައި ސާއިފް ކުރި ފައުލަކުން ސީރިއާއަށް ލިބުނު ޕެނެލްޓީއެކެވެ. އެ ޕެނެލްޓީ ކާމިޔާބުކުރީ މަވާސްއެވެ.
ސީރިއާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ. އެޓީމުގެ މައުއާދު އަލް އަޖާންއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު މެޗުގައި ރަތް ކާޑުވެސް ދައްކާފައެވެ.
މިރޭގެ މެޗުން މޮޅުވެ ސީރިއާއިން ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރާ ގާތަށް ޖެހިލާފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރަށްވެސް ސީރިއާ ދަތުރު ކުރިއެވެ. އެފަހަރު ވޯލްޑް ކަޕްގެ ޖާގަ ސީރިއާއަށް ގެއްލުނީ ހަނި ފުރުސަތަކުންނެވެ. ވޯލްޑް ކަޕްގެ އުންމީދު އެފަހަރު ސީރިއާއަށް ގެއްލުނީ ކޮލިފިކޭޝަން ފަހު މެޗުގައި 1-0 އިން އޮސްޓްރޭލިއާ އަތުން ބަލިވެގެންނެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސީރިއާއަށް ފައިނަލް ބުރަށް ދާން ދެން ބޭނުން ވަނީ ދެ ޕޮއިންޓެވެ. އެޓީމަށް އަދި ކޮލިފިކޭޝަންގައި ބާކީ ދެ މެޗު އޮތްއިރު، ދެން ކުޅެން ޖެހޭނީ ގުއާމްއާއި ޗައިނާއާ ދެކޮޅަށެވެ. ފުރަތަމަ ޖާގައެއް ސީރިއާއާ ވާދަކުރަނީ ޗައިނާއިންނެވެ. މިވަގުތު ޗައިނާ އޮތީ ދެވަނައިގައެވެ.
ރާއްޖެއަށް ތިންވަނައަށް އަރަން މިރޭގެ މެޗު މުހިއްމުވެފައި އޮތީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންއަށް އުންމީދު އާކުރުމަށެވެ. ތިންވަނައަކީ އޭޝިއަން ކަޕަށް މުހިއްމު ޖާގައަކަށްވާއިރު، މިވަގުތު އެ މަގާމުގައި އޮތީ ފިލިޕީންސެވެ. ބައްޔާއެކު ރާއްޖެއަށް ހަ މެޗުން ލިބެނީ ހަ ޕޮއިންޓެވެ. މިވަގުތު ހަތަރުވަނައިގައި ރާއްޖެ އޮތްއިރު، ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާއާއި ފިލިޕީންސާ ދެކޮޅަށެވެ.
ރާއްޖެއަށް ދެން އޮތް ދެމެޗު:
ޖޫން 11 / ޗައިނާ - ރާއްޖެ
ޖޫން 15 / ފިލިޕީންސް - ރާއްޖެ
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން