ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް

ޔޫތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމަށް މިވަގުތު މީހަކު އައްޔަން ނުކުރަން އަމުރުކޮށްފި

އިބްރާހިމް ޒަކީ

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމަށް މިވަގުތު، މީހަކު އައްޔަން ނުކުރުމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ވަޒިފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

އެ ޓްރައިބިއުނަލުން މިގޮތަށް އަމުރު ކުރީ، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމު އަދާކުރަމުންދިޔަ މަރިޔަމް ނައިފީން އަނީސް މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލްގައި ކުރިއަށްދާއިރު އެ މަގާމަށް މީހަކު އައްޔަންކޮށްފި ނަމަ ދިމާވެދާނެ މައްސަލައަކަށްޓަކައެވެ.

މި އަމުރު ނެރެދިނުމަށް ޓްރައިބިއުނަލަށް ހުށަހެޅީވެސް މަރިޔަމް ނައިފީން އަނީސް އެވެ.

އޭނާ ހުށަހަޅާފައި ވަނީ، އެ މައްސަލައަށް މައުލޫއީ ގޮތުން ފައިސަލާއެއް ކުރުމުގެ ކުރިން، އޭނާ އަދާކުރަމުން އައި ވަޒީފާއަށް ދާއިމީ މުވައްޒަފަކު އައްޔަންކޮށްފި ނަމަ، އޭނާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ، ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ޓްރައިބިއުނަލުން ނިންމާ ހާލަތެއްގައި އެ ވަޒީފާ އޭނާއަށް އަނބުރާ އިއާދަ ކުރުމަށް ޓްރައިބިއުނަލުން ނިންމާ ނިންމުން ތަންފީޒު ކުރުމަށް ހުރަސްތައް ކުރިމަތި ވެ، އޭނާގެ ގެއްލިގެންދާ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި، އެ މައްސަލައިގައި ޓްރައިބިއުނަލުން ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން، އޭނާ އަދާކުރަމުންދިޔަ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށާއި، މިމައްސަލައިގައި ނިންމާ ނިންމުމެއް ތަންފީޒު ކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިވިލްސާވިސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެ ހުށަހެޅުމާ ގުޅިގެން ޓްރައިބިއުނަލުން ބުނެފައި ވަނީ މަރިޔަމް ނައިފީން އަނީސް އަދާ ކުރި މަގާމަކީ ޒިންމާދާރު މަގާމަކަށް ވާތީ، އެ މަގާމުގައި މުވައްޒަފަކު ނެތުމުގެ ސަބަބުން އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި، އެ މިނިސްޓްރީގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން އެއީ ދައުލަތުގެ މަސްލަހަތާ ސީދާ ގޮތުން ގުޅުން ހުރި ކަމެއް ކަމަށްވުމާއެކު، މިހާލަތުގައި ވަގުތީ އަމުރަށް އެދިފައިވާ ފަރާތުގެ މަސްލަހަތަށްވުރެ ދައުލަތުގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމުގައި ސިވިލްސާވިސް ކޮމިޝަނުން ބަޔާންކޮށްފައި ވީނަމަވެސް، މަރްޔަމް ނައިފީން އަނީސް އަދާކުރަމުންދިޔަ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށް އަމުރު ކުރި ނަމަވެސް، އެ މަގާމަށް ވަގުތީ މުވައްޒަފަކު އައްޔަންކުރުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، މަރިޔަމް ނައިފީން އަނީސް އަދާކުރަމުންދިޔަ މަގާމަށް މުވައްޒަފަކު އައްޔަން ނުކުރުމަށް ސިވިސްސާވިސް ކޮޝަންގެ މައްޗަށް އަމުރު ކުރާކަމަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.