ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ވެއްދުމަށް ތައްޔާރުކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވިދާޅުވީ، ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށް ތައްޔާރުކޮށް ޕޮޓުކޮއްފައިވާ މަސްތުވާތަކެއްޗާއި، މޯބައިލް ފޯނުތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަހްމަދު މުހައްމަދު އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހުރީ ކެނަބިސްއާ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެއްޗެވެ. އޭގެ ތެރޭގައި ކެނަބިސް ކަމަށް ޝައްކު ކުރެވޭ އަށް ދަޅު ހުރި އިރު، ހެރޮއިން ކަމަށް ޝައްކު ކުރެވޭ ފަސް ޕެކެޓް ހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.
އަތުލައިގަތް ތަކެތީގެ ތެރޭގައި ދެން ހިމެނެނީ ނޮކިއާ ބްރޭންޑްގެ އާދައިގެ ދެ ފޯނާއި ދެ ޗާޖަރެވެ.
އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުމުގެ ތެރޭގަ އާއި ޖަލުތަކުގެ ތެރެއިން ވެސް އެ ތަކެތި އަތުލައިގަނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު