ދިވެހިރާއްޖޭގެ ތާރީޚު

ޑރ. ވަހީދުގެ ކޮލަމް: ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމާއި އެކު "ބައިލާހި ބައިކުޅަ" ދިވެހި ތާރީހުގެ ނުފޮހެވޭނެ ހަނދާނަކަށް

ޑރ. އަބްދުﷲ ވަހީދު

ދިވެހިރާއްޖެއަކީ ކާބޯތަކެއްޗަށް ބޭރު ޤައުމު ތަކަށް ބަރޯސާވާން ޖެހިފައިވާ، ވަސީލަތް މަދު، ބިންކޮޅު ކުޑަ، ދޮންވެލިފަސް ޖަޒީރާތަކެކެވެ. އެހެންކަމުން ޒަމާންތަކުގެ ތެރޭގައި ރާއްޖެއަށް އެކިފަހަރުމަތިން ތަދުމަޑުކަން އައިސްފައިވެއެވެ. 20 ވަނަ ޤަރުނުގެ ކުރިން އައި މިފަދަ ތަދުތައް ކަރުދާހަށް ތިރިކުރެވިފައިނެތެވެ. ތަދެއްގެ ވާހަކަ ރާއްޖޭގައި އެއްމެ ފުރަތަމަ ތަފްސީލުކޮށް ލިޔެވިފައި ވަނީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އައި ތަދުމަޑުކަމުގެ ވާހަކައެވެ.

ދެވަނަ ބޮޑުހަނގުރާމަ ފެށުނީ 1 ސެޕްޓެމްބަރ 1939 ގައެވެ. އެއިރު ދިވެހި ތަޚުތުގައި އިންނެވީ އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީއެވެ. ބޮޑުވަޒީރަކީ މުޙައްމަދު ފަރީދެވެ. މިކަން މިހެން އޮތަސް ފަރުދާގެ ފުރަގަހުން ވެރިކަމުގެ ހުރިހާ ބާރެއް އޮތީ ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި އޭނާގެ ދަރިކަލުން ޙަސަން ފަރީދުގެ އަތްޕުޅުގައެވެ. އޭރު ކިލެގެފާނު ހުންނަވަނީ މިސްރުގައެވެ. އޭނާގެ ލަފައާއި އިރުޝާދުގެ ދަށުން ރާއްޖެ ހިންގަވަނީ ވަޒީރުއް ދާޚިލިއްޔާގެ ހައިސިއްޔަތުން ޙަސަން ފަރީދެވެ. އޭނާއަށް އެހީތެރި ވެދެއްވަނީ މުޙައްމަދު އަމީނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތަދު އައީ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ތަނަވަސް ކަމެއްގެ ތެރޭގައި އޮއްވައެވެ. ފުރަތަމަ ބޮޑުހަނގުރާމައާއި (1914 އިން 1918 އަށް) ބޮޑު ރޯގާ (1918 އިން 1920 އަށް) ގެ ހަނދާންތައް ފަނޑުވެފައި ވަނިކޮށެވެ. މުޅި ދުނިޔެއަށް ވެސް އިޤްތިޞާދީ ބޫމެއް އައިސްފައިވާ ދުވަސްވަރެއްގައެވެ. މާލޭގެ ބާޒާރުތައް މުދަލުން ފުރިފައިވާ ދުވަސްވަރެއްގައެވެ.

ކަން ދިމާވިގޮތުން ތަދާ ކުރިމަތިލާން ޖެހުނުތަނާހެން ޙަސަން ފަރީދު ޗުއްޓީއެއް ނަންގަވަން ޖެހުނެވެ. އެހެންކަމުން، އެ ދަތި ދަނޑިވަޅުގައި ރާއްޖެ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އެޅުނީ މުޙައްމަދު އަމީންގެ ކޮނޑުފުޅުގައެވެ. އޭނާއާ އެ މަސްއޫލިއްޔަތު ހަވާލުވީ 12 ޖަނަވަރީ 1942 ގައެވެ. އެއީ ވަޒީރުއް ދާޚިލިއްޔާގެ ޤާއިމްމަޤާމްގެ ހައިސިއްޔަތުންނެވެ. އެހާތަނަށް ދިޔައިރު ވުޒާރަތުއް ދާޚިލިއްޔާ ހިންގަން ތައްޔާރުކޮށް ނިމިފައިވާ މުލީ އާގޭގައި އެ ވުޒާރާ ހިންގަވަން މުޙައްމަދު އަމީން ފެއްޓެވީ 19 ޖަނަވަރީ 1942 ގައެވެ.

އެ ދުވަސްވަރު ރާއްޖޭގައި ޤާނޫނު އަސާސީއެއް ނެތެވެ. ކުރިން އޮތް ޤާނޫނު އަސާސީ ވަނީ 31 ޖަނަވަރީ 1940 ގައި އުވާލެވިފައެވެ. ހަނގުރާމައިގެ ދަތިތަކާ ގުޅިގެން އެކަމުގެ އުނިކަން އިހުސާސް ކުރެވިގެން 23 އެޕްރީލް 1942 ގައި އާ ޤާނޫނު އަސާސީއެއް އިއުލާން ކުރެވުނެވެ. ޤާނޫނު އަސާސީއެކޭ ކިޔަސް އެއީ އެހެން ކިޔާވަރަށް ވުރެ ކުޑަ ވަރަށް މަދު މާއްދާ ހިމެނޭ ލިޔުމެކެވެ. އޭގެ 16 ވަނަ މާއްދާގެ ދަށުން ރަސްމީކޮށް މުޙައްމަދު އަމީނާ ރާއްޖެ ހިންގުން ހަވާލުކުރެވުނެވެ. އެ މާއްދާގައި ބުނާގޮތުން ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ރާއްޖޭގެ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމުގެ ބާރު ރަދުންނާއި ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާ މީހަކަށް ދެއްވިދާނެއެވެ.

އެއިރު ކޮޅުނބުން ކާޑުގެ ބާވަތްތައް ރާއްޖެ އައުން ވަނީ ނުރައްކާތެރިވާ ހިސާބަށް މަދުވެފައެވެ. އައު މަސްއޫލިއްޔަތުގެ ދަށުން މުޙައްމަދު އަމީނަށް ފުރަތަމަ އަދާ ކުރައްވަން ޖެހުނު ހިތާމަވެރި ވާޖިބަކީ ކާޑު ކޮންޓްރޯލް ކުރައްވައި، އިރަކު މީހަކަށް ލިބޭނީ ބައިލާހި ހަނޑޫކަމުގައި ހަމަޖެއްސެވުމެވެ. މިކަން ހިނގީ 1942 ގެ މޭ މަސް ފެށުނު ހިސާބުގައެވެ. މިކަމަށް ބޭނުންވާ ނިޒާމާއި ކާބޯތަކެތި ގަންނަން ބޭނުން ކުރާ ކާޑުތައް ޑިޒައިންކޮށް 10 ދުވަހުގެތެރޭގައި އެ ނިޒާމް ހިންގަން ފެށުނެވެ. (ހަނޑޫ، ހަކުރާއި ފުށްފަދަ ތަކެއްޗަށް "ކާޑޭ" ކިޔަން ފެށުނީ އޭރު ހެދި ކާޑާ ގުޅިގެން ކަމަށް ވެދާނެއެވެ.)

ދެން މުޙައްމަދު އަމީނަށް އަދާ ކުރައްވަން ޖެހުނު އަނެއް ހިތާމަވެރި ވާޖިބަކީ ސަރުކާރުން މުސާރައާއި އުޖޫރަ ލިބޭ މީސްމީހުންގެ މުސާރައިން ފަސްބައިކުޅަ އެއްބައި ކަނޑާލެއްވުމެވެ. މިކަން ހިނގީ 9 މޭ 1942ގައެވެ.

ހަމަ އެ ދުވަސްވަރު، 6 މޭ 1942 ގައި ސަރުކާރުގެ ބްރިގް އަތިއްޔުއް ރަޙުމާނުގައި ކޮޗިން މަގުން ކޮޅުނބަށް ވަޑައިގަތުމަށް ޙަސަން ފަރީދު ފުރާވަޑައިގެންނެވިއެވެ. އޭނާގެ މި ދަތުރުފުޅުގެ ބޭނުމަކީ ސިލޯނުން ލިބޭ ކާބޯތަކެތި މަދުވެފައިވާތީވެ އެކަމަށް ހައްލެއް ހޯއްދެވުމެވެ. އޭނާ އެނބުރި ވަޑައިގަތީ ޑަޗް އާގުބޯޓެއް ކަމަށްވާ "ރެއިން"ގައި 15 ޖުލައި 1942 ގައެވެ. އަރިހުގައި ސިލޯނުގައި ހުންނަވާ ރެޕްރެޒެންޓެޓިވް، ޙުސައިން ހިލްމީ ވެސް ވަޑައިގަތެވެ. އެ ބޯޓުން އެތަކެއް ހާސް ބަސްތާ ހަނޑޫ ވެސް ގެނައެވެ. އިނގިރޭސި ސަރުކާރުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދޫކުރައްވާނެ ކަމަށް އެއްބަސްވެފައިވާ ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށްފަހު މުޙައްމަދު އަމީނާއި ޙުސައިން ޙިލްމީ އެ ބޭފުޅުން ވަޑައިގެންނެވި ބޯޓުން އެނބުރި ކޮޅުނބަށް ވަޑައިގެންފިއެވެ.

މިކަމާ އެކު ވެސް ރާއްޖޭގައި ކާބޯތަކެތި ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. ވަށައިގެން އިވެމުން ދިޔައީ ބަނޑުހައިހޫނުގެ ރުއިމާއި ގިސްލުމާއި ކެކުޅުމުގެ އަޑުތަކެވެ. މިކަމުގެ ހައްލަކަށް ފެންނަން އޮތީ ގަސް ހެއްދުމެވެ. ގަސް ހެއްދުމަށް ހަނގުރާމަ ފެށުމާ ދާދި ކައިރީގަ ވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. މިކަންތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ރައްޔިތުންނަށް ނަސޭހަތް ދެއްވުމަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދެ ވަފުދު 3 ސެޕްޓެމްބަރ 1942 ގައި ފޮނުއްވިއެވެ. މާލޭގައި މި މަސައްކަތް ކުރެއްވުމަށް 4 އަވަށަށް 4 ވެރިން ލެއްވިއެވެ. މި ނަސޭހަތަށް ރައްޔިތުންގެ ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. މާލޭގައި ހުރި ހުސް ބިންބިންކޮޅުގައި ގަސްތައް ފަޅައިގެން ބޮޑު ވަމުން ދިޔައެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ވެސް ގަސް އިންދުން ވަރަށް ފޯރީގައި ކުރިޔަށް ދިޔައެވެ.

1942 ގެ ތެރޭގައި އައި ރޯދަމަސް ކުރީގެ ރޯދަމަސްތަކާއި ވަރަށް ތަފާތެވެ. ކުރިން ކައްކާ ކެއްކުންތަކެއް ދިވެހި ބަދިގެތަކުގައި އެފަހަރު ނުކެކެއެވެ. ދެ ޢީދާއި (1361 ހ.) ހިތި ދުވަސް ވެސް ދިޔައީ ވަރަށް ފެންކޮށެވެ. އެ އަހަރު ފިޠުރު ޒަކާތް ނުނަގާ ގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ.

ގަސް އިންދުން އާލާކުރަން އުތުރަށް ފޮނުވި ޓީމު އެނބުރި އައިސް އެ މީހުންގެ ރިޕޯރޓް ރަމްޟާން މަހުގެ 28 ގައި ހުށަހެޅިއެވެ. އޭގައިވާ ގޮތުން އުތުރުގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ފޯރީގައި ގަސް އިންދަމުން ދެއެވެ.

ގަސް އިންދަމުން ދިޔައަސް ކުއްލިއަކަށް އޭގެ މަންފާއެއް ނުފެނެއެވެ. ވަށައިގެން ފެންނަނީ ބަނޑުހައި ހޫނުކަމާއި ކެކުޅުމެވެ. އަތުގަ ޖެހުނު އެއްޗެއް ވިއްކަމުންދަނީއެވެ. ގޭ ފުރާޅުގައި ހުރި ޓިނުކޮޅަށް ދަންދެން ވިއްކަނީއެވެ. ވައްކަންކުރުން އިންތިހާއަށް ހިނގައްޖެއެވެ. އަންނައުނު ނެތިގެން އޮރިޔާން ނިވާ ނުކުރެވޭތީ ގެއިން ނުނިކުމެވިފައި ތިބި މީހުން ގިނަވެއްޖެއެވެ.

ސަރުކާރުގެ މިންނެތް މަސައްކަތާއި އެކީ ވެސް ރާއްޖެއަށް ކާބޯތަކެތި ގެނެވެނީ މާ މަދުންނެވެ. އަދި ބާޒާރުގައި އެތަކެތީގެ އަގު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށެވެ. ބައެއް ވިޔަފާރިވެރިން އެކަމުގެ ފައިދާ ނެގުމުގެ ނިޔަތުގައި މުދާ ފޮރުވަން ފަށައިފިއެވެ. މިކަން ހައްލުކުރުމަށްޓަކައި 11 ޝައްވާލު 1361 (22 އޮކްޓޯބަރ 1942) ގައި ޤާނޫނު ނަންބަރު 1/61 "ހަނގުރާމައިގެ ދަތިކަން ފިލަންދެން ބައެއް ތަކެތި ސަރުކާރުން އެކަނި ވިއްކުމުގެ ޤާނޫނު" ފާސްކުރިއެވެ. މި ޤާނޫނުގެ ދަށުން ބާޒާރުގައި ވިއްކަން ހުންނަ ބާވަތްތަކުގެ ތެރެއިން ސާރުކާރަށް ފެންނަ ބާވަތްތައް ސަރުކާރަށް ގަނޑުކޮށް ގަނެ، ސަރުކާރުން ވިއްކާ ގޮތަށް ހަމަޖެއްސުނެވެ. އެންމެ ފުރަތަމަ މިހެން ކޮންޓްރޯލް ކުރެއްވީ ދޯބުރާލި ހަކުރާއި އުއްސަކުރެވެ. ދެން ގުޑާކާއި ދިވެހި ހަކުރެވެ.

ރާއްޖެއަށް އައިސްފައިވާ ދަތިކަމަށް ހެޔޮ ބަދަލެއް ގެނައުމުގެ ނިޔަތުގައި ރައްޔިތުންގެ ބޮޑު އިސްޓޯރެއް އުފެއްދުމުގެ ޤާނޫނެއް 1942 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ފާސްކުރިއެވެ. އިސްޓޯރު ހުޅުވުނީ 11 ޑިސެމްބަރ 1942 ގައެވެ. އެތަނަށް އެކި ހިސާބުތަކުން ގެންނަ މަސް ގަތުމަށް ހަމަޖެހުނީ 30 ރުފިއާއަށް، 35 ރުފިޔާ އަށް ހަންދަރެކެވެ. އެހެން ގަންނަ މަސް ވިޔަފާރަވެރިންނަށް ވިއްކަން ހަމަޖެހުނީ 35 އަށް، 40 ރުފިޔާއަށް ހަންދަރެކެވެ.

އެހާ ހިސާބުގައި ރާއްޖޭގައި ހުރި ކާޑުކޮޅު ހުސްވާ ހިސާބަށް މަދުވިއެވެ. އެހެން ކަމުން މީހަކަށް ލިބޭ ހަނޑޫ އަނެއްކާ ވެސް ކުޑަކުރަން ޖެހުނެވެ. މިފަހަރު ބައިލާހި ބައިކުޅައަށެވެ (¼ އަށެވެ.) މިއާއިއެކު، މި ބަސް "ބައިލާހި ބައިކުޅަ" ދިވެހި ތާރީޚުގެ ނުފޮހެވޭ ހަނދާނަކަށް ވެގެން ދިޔައެވެ.

ދިވެހި ސަރުކާރުން، އިނގިރޭސީންނާއި ސިލޯނު ސަރުކާރަށް ރާއްޖޭގެ ހާލަތު ބަޔާން ކޮށްދެއްވުމާ ގުޅިގެން މައްސަލަ ބައްލަވަން މަންދޫބަކު ފޮނުއްވިއެވެ. އެއީ ފްލައިޓް ލެފްޓިނެންޓް ވޯކަރެވެ. ދިވެހި ސަރުކާރާ މަޝްވަރާ ކުރެއްވުމަށްފަހު ވޯކަރު ނިންމެވީ ރާއްޖޭގެ އުތުރަށާއި ދެކުނަށް ދެ ދަތުރު ކުރައްވައި އަމިއްލަފުޅަށް ބެއްލެވުމަށެވެ. ފުރަތަމަ ދަތުރުކުރެއްވީ އުތުރަށެވެ. އެ ދަތުރުގައި މުޙައްމަދު އަމީން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ވޯކަރާއި މުޙައްމަދު އަމީން އުތުރަށް ފުރާވަޑައިގަތީ އެޗް.އެމް.އެސް. މާލޮއީގައި 1944 ގެ ފެބްރުވަރީ 27 ގައެވެ. އެ ބޭފުޅުން ވަޑައިގަތީ ނައިފަރަށާއި ހިންނަވަރަށާއި މަނަދުއަށާއި މިލަދުއަށާއި ދަރަވަންދޫއަށެވެ. މީގެ ތެރެއިން ހިންނަވަރާއި ނައިފަރާއި ދަރަވަންދޫގައި ކާޑު ދޫކުރުމުގެ ކަންތައްތައް ދަނީ މާލެއިން ފޮނުވި އިރުޝާދުތަކާ އެއްގޮތައްކަން ފާހަގަ ކުރެވުނެވެ. އެހެނަސް މަނަދޫއާއި މިލަދޫގައި ކންތައްތައް ހިނގަމުންދަނީ އެހެން ނޫންކަން ފާހަގަ ކުރެވުނެވެ.

ދެކުނަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުގައި ވަޑައިގަތީ ޙަސަން ފަރީދާއި ވޯކަރެވެ. އެ ބޭފުޅުން ރަށްރަށަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ އައްޑޫއިންނެވެ. އެންމެފަހުން ވަޑައިގަތީ ކޮޅުމަޑުލަށެވެ. އެއްމެ ފަހުން ވަޑައިގެންނެވި ރަށަކީ ވަންބަދިއެވެ. (މީހުން އުޅޭރަށަކަށް ހިރިލަންދޫއެވެ.) ވަންބަދިން ފުރާވަޑައިގެން 27 މާރޗް 1944 ގައި ޙަސަން ފަރީދާއެކު މާލޮއީ ކަނޑުމަތިން ގެއްލުނީއެވެ. އެހެން ކަމުން އެ ދަތުރުގެ ރިޕޯޓެއް ނެތެވެ.

ވޯކަރުމެން އުތުރަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު އެނބުރި ވަޑައިގަތީ 1 މާރޗް 1944 ގައެވެ. އެ ދަތުރުން ލިބުނު މައުލޫމާތުގެ އަލީގައި ކާޑުގެ ކަންކަން ހަރުދަނާ ކުރެއްވުމަށްޓަކައި ހައެއްކަ ދުވަހުގެ ތެރޭގައި އައު ޤާނުނެއް ފާސްކުރިއެވެ. އަދި އޭގެ ދަށުން ޤަވާއިދުތަކެއް ހެދިގެން ދިޔައެވެ.

ޤަވާއިދުގެ ދަށުން ކާޑުގެ ކަންކަން ހަމަޖައްސައި ބަހަން މާލޭގައި ޚާއްޞަ ވެރިޔަކު (ކ.ހ.ވ.) ހުންނަގޮތަށް ހެދުނެވެ. އަތޮޅުތެރޭގައި މިކަން ކުރުމަށް އަތޮޅުވެރިޔާ ނުވަތަ އެކަމަށް މާލެއިން ފޮނުވާ މީހަކު ހަމަޖެއްސުނެވެ. އޭނާ މަސައްކަތްކުރަން ހަމަޖެހުނީ ކޮމިޓީއެއްގެ ލަފާއާ އެކުގައެވެ. ރަށު ފެންވަރުގައި ރައްޔިތުންގެ ފިހާރައެއް ކޮންމެ ރަށެއްގައި ހުޅުވުނެވެ. އެކަމަށް ބޭނުންކުރި ކާޑުގެތައް މިހާރު ވެސް ބައެއް ރަށްރަށުގައި އެބަހުއްޓެވެ. (މިސާލަކަށް އައްޑޫ މީދޫ)

ކޮންމެ އަތޮޅެއްގައި ވެސް ކާޑުގެ ކަންކަން ބަލަހައްޓާ މީހާއަށާއި ރަށްރަށު ރައްޔިތުންގެ ފިހާރަތައް ހިންގާ މީހުންނަށް ނަސޭހަތްތެރިވުމަށް މާލޭގައި މީހަކު ހުންނަގޮތަށް ހަމަޖެހުނެވެ. އޭނާގެ ނަމަކީ އ.ކ.އ.އެވެ.

މި ހަމަ ޖެހުނު ނިޒާމާ އެއްގޮތަށް ކަންކަން ހިނގަން ފެށުމުން ރާއްޖޭގައި އޮތް ތަދުމަޑުކަމަށް ލުޔެއް ލިބުނެވެ. އަދި ބަނޑަށް މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވިއެވެ. އެހެނަސް މައްސަލަ މުޅިން ހައްލުވީ 1945 ގައި ދެވަނަ ބޮޑުހަނގުރާމަ ނިމުމުގެ ފަހުންނެވެ.

**********

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.