އިޓަލިއަން ޗެމްޕިއަންކަން ހޯދި އިންޓަ މިލާންގެ ކޯޗުގެ މަގާމަށް ސައިމޯން އިންޒާގީ ހަމަޖައްސައިފިއެވެ.

ސައިމޯން އިންޓަގެ ކޯޗުކަމާ ހަވާލުވީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މިދިޔަ ސީޒަންގައި އިންޓައަށް ކޯޗުކަން ކޮށްދިން އެންޓޯނިއޯ ކޮންޓޭ ތަށި ހޯދައިދިނުމަށްފަހު ކްލަބުން ދުރަށް ދިޔައީ އިންޓަގެ މެނޭޖުމަންޓުން ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާ ގުޅިގެންނެވެ. އެ ކްލަބުގެ ބޯޑުން ވަނީ މުހިއްމު ބައެއް ކުޅުންތެރިން ވިއްކާލަން ޖެހިދާނެ ކަމަށްވެސް ކޯޗު ކޮންޓޭ ކައިރީގައި ބުނެފައެވެ.

ސައިމޯންއަކީ އިޓަލީގެ ލެޖެންޑަރީ ފޯވަޑް ފިލީޕޯ އިންޒާގޯގެ ކޮއްކޮއެވެ. ސައިމޯންއަކީ އިޓަލިއަން ކްލަބުގެ ލާޒިއޯގެ ކްލަބު ލެޖެންޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރުގެ ބޮޑުބައެއް ލާޒިއޯއަށް ކުޅެފައިވާއިރު، ސައިމޯން ވަނީ ލާޒިއޯއަށް 133 މެޗު ކުޅެފައެވެ. އޭގެ ފަހުން ކްލަބުގެ ޔޫތު ކޯޗެއްގެ ގޮތުގައިވެސް ސައިމޯން މަސައްކަތް ކޮށްފައިވާއިރު، އޭނާ ސީނިއާ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ.

ލާޒިއޯއިން މިދިޔަ ސީޒަންގެ ކޮޕާ އިޓާލިއާވެސް ކާމިޔާބު ކޮށްފައިވާއިރު، ލީގު ނިންމާލީ ތާވަލުގެ ހަވަނައިގައެވެ. އަދި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައިވެސް ލާޒިއޯ ވަނީ ކުޅެފައެވެ. ސައިމޯން އިންޓައަށް ބަދަލުވެފައިވާއިރު، އޭނާ ނިންމާލީ ލާޒިއޯއާއެކު އޮތް 22 އަހަރުގެ ގުޅުމެކެވެ.