އިންގްލެންޑުން ޔޫރޯއަށް އިއުލާންކުރި ފައިނަލު ސްކޮޑުން ޖާގަ ލިބިފައިވާ ލިވަޕޫލްގެ ޑިފެންޑަރު އެލެކްސެންޑްރާ އާނޯލްޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މުބާރާތުން ފުރުސަތު ގެއްލިއްޖެއެވެ.

އިންގްލެންޑުން ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އާނޯލްޑްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބާލަން ޖެހިފައެވެ. ރިޕޯޓްތަކަށްފަހު އިންގްލެންޑުން ބުނީ އާނޯލްޑްގެ ފަލަމަސްގަނޑުގެ ކުއަޑްރަސެޕް ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން އާނޯލްޑް ހަ ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

އިންގްލެންޑުން ބުނެފައިވާ ގޮތުގައި އާނޯލްޑްގެ ބަދަލުގައި ސްކޮޑަށް ނަގާނެ ކުޅުންތެރިޔަކު ކޯޗު ގެރެތު ސައުތުގޭޓް އިއުލާންކުރާނީ އަންނަ އަދީއްތަ ދުވަހު އެގައުމުން ރޮމޭނީއާއާ ދެކޮޅަށް ކުޅޭ ވާމްއަޕް މެޗަށްފަހުގައެވެ. އިންގްލެންޑުން ފުރަތަމަ ޔޫރޯއަށް 33 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކޮށްފައިވާއިރު، އުމުރުން 22 އަހަރުގެ އާނޯލްޑަށް ވަނީ ފައިނަލް ސްކޮޑުން ޖާގަ ލިބިފައެވެ. ބާކީ ވެފައިވާ ކުޅުންތެރިންނަކީ ޖެސޭ ލިންގާޑް، ޖޭމްސް ވާޑްޕްރައުސްގެ އިތުރުން ގޯލްކީޕަރު އާރޮން ރެމްސްޑޭލް، ޑިފެންޑަރު ބެން ވައިޓް، ބެން ގޮޑްފްރޭ، އޮލީ ވޮޓްކިންސް އަދި މޭސަން ގްރީންވުޑެވެ.

ގްރީންވުޑް އަނިޔާގެ ސަބަބުން އަމިއްލައަށް ސްކޮޑުން ބޭރުވެފައިވާއިރު، ސައުތުގޭޓް ޓީމަށް ދެން ނަގާނީ ބާކީ ވި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ޔޫރޯގައި އިންގްލެންޑް ކުޅޭނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ހިމެނެނީ ސްކޮޓްލޭންޑާއި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމް ކްރޮއޭޝިއާ އަދި އިންގްލެންޑުގެ އިތުރުން ޗެކް ރިޕަބްލިކެވެ.

އިންގުލެންޑުން ޔޫރޯއަށް ތައްޔާރުވުމަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ވޭލްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހީ އާސެނަލްއަށް ކުޅެމުން އަންނަ ޒުވާން ތަރި ބުކަޔޯ ސަކާއެވެ.