ބާސެލޯނާގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޫމަން އަންނަ ސީޒަންގައިވެސް ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ކްލަބުގެ ރައީސް ޖޯއާން ލަޕޯޓާ ދީފިއެވެ.
މި ސީޒަނަކީ ބާސާއަށް އެންމެ ކާމިޔާބު ސީޒަން ނޫން ނަމަވެސް ކޫމަންގެ ކޮންޓްރެކްޓުގައި ވާގޮތަށް އަންނަ ސީޒަންގައި ކްލަބުގައި އޭނާ މަޑުކުރުވާނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ. ލަޕޯޓާ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާރު ހުރި ކޯޗު ކޫމަންއަށް ފުރުސަތު ދީފައި ވަނީ ކްލަބުން ހާސިލުކުރަން ބޭނުންވާ ކަންކަން ކޫމަން ހާސިލު ކުރަމުންދާތީ ކަމަށެވެ. ޓީމަށް ލީގު ނުލިބުނު ނަމަވެސް ޓީމުގެ ކުރިމަގަށް ކޫމަން ކުރަމުން އަންނަ މަސައްކަތް ކްލަބުގެ ރައިސް ލަޕޯޓާ ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ އަންނަ ސީޒަނަށް ކްލަބުން ހާސިލުކުރަން ބޭނުންވާ ކަންކަންވެސް މިހާރު ވަނީ ދެފަރާތް ވާހަކަދައްކައި ސާފު ކޮށްފައި ކަމަށެވެ.
ބާސާއިން މި ސީޒަން ނިންމާލީ ހުސްއަތަކާ ނޫނެވެ. ކުރީގެ ރައީސް ޖޯސެފް ބާޓެމިއޫގެ މައްސަލަތަކާއެކު ބާސާއިން ކްލަބުގެ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި މި ސީޒަން ފެށި ނަމަވެސް އެޓީމުން ވަނީ ކޮޕަ ޑެލްރޭ ކާމިޔާބުކޮށްފައެވެ. ލީގުގެ ތިންވަނައިގައި ސީޒަން ނިންމާލި އިރު، އެޓީމުން ޗެމްޕިއަންސް ލީގުން ކެޓީ ޕީއެސްޖީ އަތުން ބަލިވެގެންނެވެ.
ކްލަބުގެ ރައީސް ބަދަލުވުމާއި، ކޮވިޑް 19ގެ ސަބަބުން ކްލަބުގެ ދަރަނި އިންތިހާއަށް އުފުލުމަކީ މިހާރުގެ ރައީސް ލަޕޯޓާއަށް އޮތް ބޮޑު ޗެލެންޖެކެވެ. އޭގެ ތެރެއިންވެސް ދަނޑު މައްޗަށް އެންމެ ބޮޑަށް އަސަރުކުރާނެ މައްސަލައަކަށް ލަޕޯޓާއަށް ކުރިމަތިވީ ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ކްލަބުގައި މަޑުކުރުވުމެވެ. މެސީ މިދިޔަ ސީޒަނުގައި ކްލަބުން ދާން އެދުނު ނަމަވެސް އޭނާއަށް ނުދެވުނީ ގާނޫނީ ހުރަސްތަކެއްގެ ސަބުބުން ނަމަވެސް، މި ސީޒަން ނިމުމުން އޭނާ ހުރީ ކްލަބު ދޫކޮށްލަން ތައްޔާރަށެވެ.
އެހެންނަމަވެސް ލަޕޯޓާގެ މަސައްކަތުން މެސީ ކްލަބުގައި މަޑުކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް މިހާރު ވަނީ އުފެދިފައެވެ. މި ސީޒަންގެ ނިޔަލަށް މެސީއާއެކު ބާސާ ހަދާފައި ކޮންޓްރެކްޓް ހަމަވެފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާ ކުރަން ޖެހޭ ކަންކަމާ މިހާރު ވަނީ ރައީސް ލަޕޯޓާ މަޝްވަރާކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކޮޕާ އެމެރިކާ ފެށުމުގެ ކުރިން މެސީ ބާސާގެ އާ ކޮންޓްރެކްޓުގައި ސޮއިކުރާނެއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ