ނެދަލެންޑްސް ކޯޗު މާޓިން ކޫޕްމަން ގައުމީ ޓީމާ ހަވާލުވީ 2020 ވަނަ އަހަރުއެވެ. ކަން ދިމާކުރި ގޮތުން ކޮވިޑް 19ގެ ހާލަތާއެކު ގައުމީ ޓީމުގެ މެޗުތައް ހުއްޓުމަކަށް އައެވެ. ކޫޕްމަންއަށް ގައުމީ ޓީމާއެކު ވާދަވެރި މެޗަކަށް ނުކުންނަން ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. ގައުމީ ޓީމުން މެޗެއް ނުކުޅެ އަހަރަކަށްވުރެ ގިނަ ދުވަސްވުމަށްފަހު ކޫޕްމަންގެ ޓީމު ފުރަތަމަ މެޗަށް ނުކުންނާނީ މާދަމާއެވެ. ސީރިއާއާ ދެކޮޅަށް ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުގައި ސީރިއާއާ ދެކޮޅަށް ޑުބާއީގައި ގައުމީ ޓީމު ނުކުންނަ އިރު، މިއީ އެންމެ ފަސޭހަ ހާލަތެއް ނޫނެވެ.

ކޮވިޑް 19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފުޓުބޯޅައަށްވެސް ދޭތެރެ ދޭތެރެއިން މެދުކެނޑުންތަކެއް އައިސްފައިވެއެވެ. އެ ހާލަތާއެކު ގައުމީ ޓީމުން މިހާރު އޮތް މެޗުތަކަށް ކޭމްޕް ކުރީ އުނދަގޫތަކެއް ކުރިމަތިވާނެކަން އެނގި ތިބެއެވެ. ހޮޓެލް ޖެންގައި ޓީމު ކޭމްޕް ކުރުމުގެ ކުރިންވެސް ކޮވިޑް ޓެސްޓުތައް ހަދައި، ޓީމުގެ ބައެއް ކުޅުންތެރިން ޕޮޒިޓިވްވެސް ވިއެވެ. ދަނޑަކަށް ފަރިތަކޮށްލަން ނުދެވި، ޖެންގެ ބޯލް ރޫމްގައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހާލަތުން ޓީމު އަރައިގަތީ ހަފުތާއެއް ކުރިން ޑުބާއީއަށް ގޮސް ފަރިތަކުރަން ފަށައިގެންނެވެ. އެހެންނަމަވެސް އެއީ މަދު ޕްރެކްޓިސްތަކެކެވެ.

"ހަތް ކުޅުންތެރިން ކޮވިޑުގެ ސަބަބުން ސްކޮޑުން ބޭރުވާން ޖެހިއްޖެ. އެއީ މައްސަލަތައް، އެކަމަކު އެކަންކަމާ ކުރިމަތިލާނަން. އެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ނެތިން. ފުޓުބޯޅައިގެ ބޭރުގެ ވާހަކަތައް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫން. އަހަންނަކީ ޕްރޮފެޝަނަލް މީހެއް. އެކަމަކު އަހަރެން ގަބޫލުކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް މެޗުތައް ކުޅޭކަށް. އަހަރެން ގަބޫލުކުރަން ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރެވުނު ކަމަށް. އެކަމަކު އެއީ އެންމެ އެކަށޭނެ މިންވަރެއް ނޫން. މެޗުތަކަށް ތައްޔާރުވެސް ވާނެ އަހަރެންގެ ޓީމު. ފުޓުބޯޅައިގައި ވާނެ އެއްޗެއް ނޭނގޭނެ. ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ. އެއީ އަހަރެންގެ ޒިންމާއަކީވެސް. ގައުމީ ޓީމާއެކު ކުރިއަށް ގޮސް، ނަތީޖާތައް ނެރުން. ފެޑަރޭޝަނުން އަހަރެންގެ ޓީމަށް ހުރިހާ ކަމެއް ކޮށްދިން،" ކޫޕްމަން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ފުރަތަމަ މެޗުތައް ޗައިނާގައި ކުޅޭ ގޮތަށް އޮތްނަމަވެސް އެގައުމަށް ސީރިއާއާއި ދިވެހި ރާއްޖެއަށް އެތެރެ ނުވެވި މެޗުތައް ޑުބާއީއަށް ބަދަލުކުރިއެވެ. މެޗުތަކަށް މަދު ދުވަސް ކޮޅަކަށްވެފައި އޮއްވައި ރާއްޖޭ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވެ އަނެއްކާވެސް ކޫޕްމަންއަށް އުނދަގޫ ހާލަތެއް ކުރިމަތިވިއެވެ. އެހެންނަމަވެސް ކޫޕްމަންގެ ވިސްނުން ހުރީ ސީދާ މޮޅަކަށެވެ. ދުލެއް ދޭނެ ވިސްނުމެއް ފުޓުބޯޅައިގައި ނުގެންގުޅޭނެ ކަމަށް ކޫޕްމަން ވަނީ ޑުބާއީގައި ބޭއްވި ޕްރެސްގައި ބުނެފައެވެ.

"ފުޓުބޯޅައިގައި ނުވާނެ ކަމެއް ނޯންނާނެ. މިދިޔަ އަހަރު ރަނގަޅު ހާލަތެއްގައި ޓީމު އޮތީވެސް. ޖުލައި މަހު އޮތީ ފުރިހަމައަށް ތައްޔާރަށްވެސްމެ. ރާއްޖޭގެ ހާލަތު ބަދަލުވެ ފުޓުބޯޅަ ހުއްޓި މި މެޗަށް ތައްޔާރުވާން ލިބުނީ އުނދަގޫ ހާލަތެއް. އެކަމަކު ދުލެއް ނުދޭނަން. މެޗަށް ނުކުންނާނީ ސީދާ މޮޅަކަށް، ކުޅުންތެރިންގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފާނަން. ބަލަމާ ހިނގާ މާދަމާގެ މެޗަށް. އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ކޫޕްމަން ބުންޏެވެ.

ކޫޕްމަންއަކީ އަރަބި ގައުމުތަކުގެ ފުޓުބޯޅައަށް ފަރިތަ ކޯޗެކެވެ. 2002 ވަނަ އަހަރުން 2004 ވަނަ އަހަރަށް ސައުދީ އަރަބިއާގެ ކޯޗުކަމުގައި އޭނާ ހަރަކާތްތެރިވެފައިވާ އިރު، އެއީ ކެރިއަރުގައި އެންމެ މުހިއްމު ކާމިޔާބީތައް ހޯދި ދުވަސްތައް ކަމަށް ކޫޕްމަން ވަނީ ފާހަގަވެސް ކޮށްފައެވެ. ސައުދީއާއެކު ކޫޕްމަން ވަނީ ޖެހިޖެހިގެން ދެ އަހަރު އަރަބިއަން ގަލްފް ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ފީފާ އަރަބި ކަޕުވެސް ޒުވާން ސްކޮޑަކާއެކު ކޫޕްމަން ވަނީ ސައުދީއަށް ކާމިޔާބު ކޮށްދީފައެވެ. ކޫޕްމަން ބުނެފައި ވަނީ އޭނާގެ ފޯމިއުލާއަކީ ގަބޫލުކުރުމެއް އުފެއްދުން ކަމަށެވެ.

"ޓީމެއްގެ ތެރޭގައި އެންމެ މުހިއްމުވާނެ އެއްޗަކީ މޮޅުވާނެ ކަމަށް ގަބޫލުކުރުން. އެ ރޫހު އުފައްދައިގެން ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެ. ކުޅޭނެ ސިސްޓަމެއް ގާއިމުކޮށް، އެ ކުޅުން ދަމަހައްޓަން މަސައްކަތް ކުރާނީ. ޓީމުގައި ކޮލިޓީ އެބަހުރި، މަދު ތަމްރީނުތަކެއް ނަމަވެސް ޓީމުން މަސައްކަތް ކުރާނެ. ކުޅުންތެރިން ހިތާރޫހު ދަނޑުމަތީގައި ދޭނެ،" ކޫޕްމަން ބުންޏެވެ.

ކޯޗު ކޫޕްމަން އިތުރަށް ބުނީ ޓީމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ޓީމުގެ ކުޅުންތެރިންނަކީ އޭނާގެ ނަޒަރުގައި 100 ޕަސެންޓް ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް ކަމަށް ކޫޕްމަން ބުންޏެވެ. ކޫޕްމަން ކުޅުންތެރިން ސިފަކޮށްފައި ވަނީ އޭނާގެ "ދަރިންގެ" ގޮތުގައެވެ.

ރާއްޖެއާއި ސީރިއާ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00ގައެވެ. މެޗު ކުޅޭނީ ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައެވެ.