ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާއިރު ކައުންސިލުތަކުގެ ލަފާ ހޯދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިގޮތަށް ބުނެފައި މިވަނީ ކައުންސިލުތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލުތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ފޮނުވާފައިވާތީއެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލުގެ ލަފާހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މި ސަރުކާރުން ގެނައި މުހިންމު އިސްލާހާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި މިހާރު މަޝްވަރާ ކުރެވެމުންދާ އިސްލާހަކީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް ވަނީ އިއްވައިފައެވެ.
ދެން އޮންނާނީ މި ދެ ބިލު މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ. ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެކަމާބެހޭ އުސޫލު ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު