އިސްލާމް ދީނާ ހިލާފުވުމުން އެމީހަކާ ދިމާއަށް ލާދީނީއޭ ބުނެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ލިޔުމެއްގައި ވަނީ އެތައް ބައެއްގެ ނަޒަރުގައި ވަކި މީހަކީ ލާދީނީ މީހެއް ކަމަށް ބުނެވެން ޖެހޭ ކަމަށާއި ހާއްސަކޮށް އެމީހާއަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމްދީނުގެ އުސޫލުތަކާ ހިލާފަށް އުޅޭ މީހެއް ކަމަށްވާ ނަމަ ކަމަށެވެ.
"ދާދި ފަހުން އަޅުގަނޑާ ދިމާވި ހާދިސާއެއްގައި، އަނެއްކާވެސް އަޅުގަނޑު މަރުގެ ތުންފަތް މައްޗަށް ދިޔަ. ވަރަށް ރަނގަޅަށް ހަނދާން ވާގޮތުގައި އެ ހިނދުގައި އަޅުގަނޑުގެ ހިތަށް ވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް. މާތްﷲ ވޮޑިގެންވާ ކަމާއި އަދި އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހަންމަދުގެފާނު މިދުނިޔެއަށް ފޮނުއްވިކަން ވަރަށް ފުރިހަމައަށް ގަބޫލުކުރެވޭ ކަމުގެ ތަސައްވަރާއި ބަސްތައް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ލާދީނީ މީހެއް ކަމަށް ބުނުމުގެ ހައްގު އެހެން މީހުންނަށް އޮންނާން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކޭ ކަމަށާއި ނަމަވެސް އެއީ އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަނޑު ދެކި ހުރިއިރު، އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑު ނުއެދޭނެ ތާ. ސުވާލަކީ އަނެއް މީހާ އަޅުގަނޑާ ދިމާއަށް އެފަދަ ބަސްތަކެއް ރައްދު ކުރާން ބޭނުންވާ ސަބަބާ ގުޅޭގޮތުން އުފެދޭ ސުވާލެއް. އޭނާގެ ނަޒަރުގައި އަޅުގަނޑު ގޯހީ. އެގޯސް އޭނާ ފާހަގަކުރާން އެދިދާނެ ދެ ގޮތެއް ވިސްނޭ. އިސްލާމްދީން ގަބޫލު ކުރާ އެހެން މީހުންގެ ހިތްތަކުގައި އަޅުގަނޑާ މެދު ނަފުރަތު އުފެއްދުން. ނުވަތަ އަޅުގަނޑުގެ ސަބަބުން ޖުމުލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުން ވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަނޑުގެ ގޯސް އޭނާ ފާހަގަކުރަނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާދީނީ ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށާއި އެހެން މީހުންނަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއް ކަމަށެވެ. ހުރި ނުރަނގަޅު ބަސްތައް މަދުކަމުގެ ސަބަބުން ބުނާ ބަސްތަކެއް ކަމަށް ލަފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމައިގައި އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީ ކަމަށް ބުނެވޭން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާށާއި އިސްލާމްދީނާ ހިލާފަށް މި ދައުލަތުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމަށެވެ. ދިވެހި އުންމަތަކީ ފުރިހަމަ އިސްލާމީ އުންމަތެއް ކަމަށާއި ރާއްޖޭގެ ގާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމްދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީހަކު ލާދީނީ ވެއްޖެނަމަ، އެމީހެއްގެ މައްޗަށް ދިވެހި ގާނޫނު ހިންގޭނެ ކަމަށާއި އަބަދުވެސް ހިންގާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތް ކަމަށާއި މި ދައުލަތް ރޭވިފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން އެހެން އެއްވެސް މީހެއް ގާނޫނާ ހިލާފުވާނަމަ، އެ ރައްޔިތެއްގެ ވާޖިބަކީ އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށެވެ. އިސްލާމްދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު