ހެލްތު މިނިސްޓްރީންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ލިބިފައި ނުވާތީ، ކޮވިޑް19 ގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ނުގެންގޮސް، އިތުރު ބައްދަލުމެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ހަވީރު 4:00 ގައި އެ ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، މިޝްކާ މަރުވާން ދިމާވީ އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ހޯދުމަށްޓަކައި ސިއްހީ މަރުކަޒަކަށް ވާސިލުވާން ބޭނުންވާ އެމްބިއުލެންސްގެ ހިދުމަތް ލިބުން ލަސްވެގެންކަމަށް ފާހަގަކޮށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެކަމަށް އިއުތިރާފުވެ ވަޑައިގެން އެކަމަށް މައާފަށް އެދިވަޑައިގެންފައިވާ އިރު، ކޮމިޓީ ބައްދަލުވުމަކީ އެކަން ހިނގައިދިޔައީ ކިއްވެތޯ ބެލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

ކޮމިޓީން އެ މައްސަލަ ބެލުމުގެ މަގުސަދަކީ ކޮވިޑުގެ ނުރައްކަލަށް ހުށަހެޅޭ ކުޑަކުދިންނަށް އޮތް ރައްކާތެރިކަމަކީ ކޮބައިތޯ ބަލައި، އެ ނިޒާމު ބައްޓަންވެފައި އޮތީ ހުރިހާ ކުދިންނަށް ވެސް ރައްކާތެރިކަމާއި ފަރުވާ ލިބެންޖެހޭ ވަގުތުގައި ލަސްނުކޮށް އެ ހިދުމަތް ލިބޭގޮތަށްތޯ ކަށަވަރުކުރުން ކަމަށެވެ.

ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، އެފަދަ ފަރާތްތަކަށް ހާއްސަ ގޮތެއްގައި، އެ ނިޒާމު ބައްޓަން ވެފައިވޭތޯ ބަލައި ކަށަވަރުކުރުމާއި، ކޮވިޑް 19 އާ ގުޅިގެން ހުރި ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރާނެ ވަސީލަތްތައް ހުރިތޯ ބެލުމާއި، އެފަދަ ހިތާމަވެރިކަމެއް އެއްވެސް ފަރާތަކަށް އަދި އެއްވެސް ކުއްޖަކަށް، އެއްވެސް އާއިލާއަަކަށް ދިމާނުވާނެ ގޮތެއް ބަލައި އެގޮތަށް ހުރި ކަންކަން ހުއްޓުވުންވެސް ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ޖީހާން ވިދާޅުވިއެވެ.

ނަމަވެސް ޖީހާން ވިދާޅުވީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ހެލްތު މިނިސްޓްރީއަށާއި ކަމާބެހޭ އެހެން ފަރާތްތަކަށް ކޮމިޓީގެ ފަރާތުން ސުވާލުތަކެއްކޮށް ސިޓީތަކެއް ފޮނުވާފައިވީ ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަން ފިޔަވައި އެއްވެސް ފަރާތަކުން އެކަމާބެހޭ މައުލުމާތެއް އަދި، ޖަވާބެއް ވެސް ފޮނުވާފައި ނުވާ ކަމަށެވެ.

ވަރަށް އަވަހަށް އެ މައްސަލައާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެކަމާބެހޭ ތަހުގީގު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާތީ މިއަދު މެންދުރު 12:30 އާ ހަމައަށް އެ ތަހުގީގާ ބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރާނެ ކަމަށް ބެލި ނަމަވެސް ހެލްތު މިނިސްޓްރީން އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށްވެސް ޖިހާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ ހާދިސާއާ ބެހޭ މައުލޫމާތު ބައެއް ފަރާތްތަކުން އޭނާވެސް ހޯއްދަވާފައިވާ ކަމަށެވެ. ނަމަވެސް އެހެން ފަރާތްތަކުންވެސް މައުލޫމާތު ހިއްސާ ކޮށްފައި ނުވުމާއި، އިތުރު ބައެއް މައުލޫމާތުތައް ލިބެން ހުރުމާއެކު އެ ހުރިހާ މައުލުމާތެއް އެއްކޮށް ކޮމިޓީން ދެން ބާއްވާ ބައްދަލުވުމަކަށް ހުށަހަޅުއްވާނެ ކަަމަށްވެސް ރާއީ ވިދާޅުވިއެވެ.

އެހެންކަމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީ ވިދާޅުވީ، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމައިލުމަށްފަހު، އެކުއްޖާ މަރުވި މައްސަލައިގައި ސަރުކާރުގެ ފަރާތުންނާއި ކަމާބެހޭ އިދާރާތަކުން ކޮމިޓީއަށް ފޮނުވަން ހުރި ޖަވާބުތަކާއި ދިރާސާތައް ލިބުމުން އެތަކެއްޗާއި ކަމާބެހޭ މުއައްސަސާތަކާއެކު ކޮމިޓީގެ އެހެން ބައްދަލުވުމެއްް ކުރިއަށް ގެންދަން ހުށަހަޅުއްވާ ކަމަށެވެ.

ޔޫނުސުގެ އެ ހުށަހެޅުމަށް ރާއީ ތާއީދު ކުރެއްވުމުން، ކަމާބެހޭ މައުލޫމާތު ލިބުމުން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމަވައި، މުގައްރިރު ޖީހާން ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވައިލެއްވިއެވެ.

ޖީހާން ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުގެ ރިޕޯޓުތަކާއި އެ ފަރާތްތަކުން ކޮމިޓީއާ ހިއްސާކުރަން އެދިފައިވާ މައުލޫމާތުތައް ލިބުނުހާ އަވަހަކަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.