އެމެރިކާ އިން ރާއްޖެއަށް އިމަޖަންސީ މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދޭން ނިންމައިފިއެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ހާރިޖީ ވަޒީރަށާއި އެގައުމުގެ ސަރުކާރަށް ވަނީ ޝުކުރު ދަންނަވައިފައެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ގާތް ރަހުމަތްތެރި ގައުމެއް ކަމަށެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި އެގައުމުން ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެމެރިކާ އިން ރާއްޖެއަށް ހަދިޔާ ކުރާ ޕަލްސް އޮކްސިމިޓާ އަދި ޕީޕީއީ ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މާދަމާ ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަތަރު ފަހަރަށް ޕީޕީއީ ކިޓުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، އެއް ޕީސީއާރު މެޝިނާއި 60 ވެންޓިލޭޓަރުވެސް އެ ގައުމުން ރާއްޖެއަށް ވަނީ ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން ޔުނިސެފް މެދުވެރިކޮށް 750،000 ޑޮލަރުގެ ހިލޭ އެހީތެރިކަންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.