ސްޕެއިންގެ ޑިފެންޑަރު، ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާ ނުލައި ކްލަބުގެ ކުރިމަގު ވިސްނާލަންވެސް ނޭނގޭ ކަމަށް އަލަށް ހަވާލުވި ކޯޗު ކާލޯ އެންސެލޯޓީ ބުނެފިއެވެ.
ރެއާލްގެ ކޯޗުކަމުގައި ނިމިދިޔަ ސީޒަންގައި ހުރި ޒައިނުއްދީން ޒިދާން އެ މަގާމުން އިސްތިއުފާ ދިނުމާއެކު ދެން އެ މަގާމާ ހަވާލުވީ ކުރިންވެސް ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެންސެލޯޓީއެވެ. މަގާމާ ހަވާލު ވެ އެންސެލޯޓީއަށް މިހާރުވެސް އޮތް އެންމެ މުހިއްމު ކަމަކީ މިދިޔަ ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވެފައިވާ ކެޕްޓަން ރާމޯސްގެ ކޮންޓްރެކްޓް އާކުރުމެވެ. ރާމޯސްއާއި ރެއާލްއާ ދެމެދު އަދި އެއްބަސްވުމަކަށް އައިސްފައި ނުވާއިރު، ރާމޯސް ކްލަބުގައި މަޑުކުރުވޭނެ ކަމަށް އެންސެލޯޓީ ބުނެފައިވެއެވެ.
"އަހަންނަށް ވިސްނާލަންވެސް ނޭނގެ ރާމޯސްއާ ނުލައި ރެއާލް މެޑްރިޑަށް ވާނެ ގޮތެއް. ރާމޯސްއަކީ އެންމެ މުހިއްމު ކުޅުންތެރިޔާ. އެއީ ކްލަބުގެ އެންމެ މުހިއްމު ތަނބު. އަހަންނަށް އެނގިފަ އެބައޮތް ކޮންޓްރެކްޓް އާކުރަން މަސައްކަތްތަކެއް ކުރިއަށްދާކަން. އެކަން އަހަރެން ރަނގަޅަށް ބަލައި، އަހަންނަށް ބުނެވޭނީ އިތުބާރު އެބައޮތްކަން ރާމޯސް މަޑުކުރުވަން،" 35 އަހަރުގެ ރާމޯސްއާ ގުޅިގެން އެންސެލޯޓީ ބުނެފައިވެއެވެ.
އެންސެލޯޓީ ވަނީ ރެއާލްގެ ތަރި އެޑެން ހަޒާޑާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. ހަޒާޑަށް ނިމިދިޔަ ސީޒަންގައި އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެންސެލޯޓީ ބުނެފައި ވަނީ އަންނަ އަހަރުގެ ހަޒާޑްގެ އަސްލު ފެންވަރު ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އޭގެ އިތުރުން އެންސެލޯޓީ ބުނެފައި ވަނީ ގެރެތު ބޭލްގެ ފޯމާ މެދުވެސް ހިތްހަމަ ޖެހޭ ކަމަށާއި، ބޭލް އެނބުރި އަންނާނެ ކަމަށެވެ.
އެންސެލޯޓީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރެއާލްއަށް އަނބުރާ ގޮސްފައިވާއިރު، އޭނާ ކުރިން އެ ކްލަބަށް ކޯޗުކަން ކޮށްދިނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށެވެ. ރެއާލްއާއެކު އެންސެލޯޓީ ވަނީ ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލްރޭގެ އިތުރުން ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު