ބާސެލޯނާއާއެކު ކެޕްޓަން ލިއޮނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިންގެ އިތުރުބާރު ހިފޭ ނޫހެއް ކަމަށްވާ މަރްކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެސީގެ އެޖެންޓް ކަމަށްވާ އޭނާގެ ބައްޕަ ޖޯޖު މެސީގެ އިތުރުން ލޯޔަރުންނާއި ބާސާ ވަނީ މިހާރު ބައްދަލު ކޮށްފައެވެ. އަދި އެ ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. މަރްކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެސީއާއެކު ބާސާއިން އެއްބަސްވުމަކަށް އައި ކަމަށް އިއުލާން ކޮށްފައި ނުވަނީ ބައެއް ކުދިކުދި ކަންކަން ނިންމައިލުމަށް ވަގުތު ނަގާތީ ކަމަށެވެ.
މި ސީޒަންގެ ނިޔަލަށް މެސީ ބާސާއާއެކު ވެފައިވާ އެއްބަސްވުން ހަމަވާއިރު، މެސީ މިދިޔަ ސީޒަނުގައި ބާސާ ދޫކޮށް ދާން މަސައްކަތް ކޮށްފައިވެއެވެ. އޭރު ބާސާގެ ރައީސް ކަމުގައި ހުރި ޖޯސެފް ބާޓެމިއޫގައި މައްސަލަ ޖެހި، މެސީ ވަނީ ކްލަބުން ދޫކޮށްދޭން އެދި ފެކްސްއެއްވެސް ބާސާއަށް ރަސްމީކޮށް ފޮނުވާފައެވެ. މެސީގެ މައްސަލަ އެފަހަރު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައިރު، ބާޓެމިއޫ މެސީ ހިފެހެއްޓީ ކޮންޓްރެކްޓްގެ ބޭނުންކޮށް، ގާނޫނީ ގޮތުންނެވެ. މެސީ ގާނޫނީ މަޅިއެއްގައި ބައްދާލާ ބާސާގައި މަޑުކުރުވި ނަމަވެސް އެ ސީޒަން ފެށުމުގެ ކުރި މެސީ ބުނެފައި މިއީ ކްލަބުގައި މަޑުކުރާނެ ފަހު ސީޒަން ކަމަށެވެ.
އުމުރުން 33 އަހަރުގެ މެސީގެ ހިޔާލު ބަދަލުވެގެންދާނެ އެންމެ ބޮޑު އެއް ސަބަބަކީ ބާޓެމިއޫގެ އިސްތިއުފާއާއި ކްލަބުގެ އާ ރައީސެވެ. ކްލަބުގެ އާ ރައީސަކަށް އައިސްފައިވާ ޖޯން ލަޕޯޓައަކީ މެސީއާ ގާތް ގުޅުމެއް އޮންނަ ރައީސެކެވެ. 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރަށް ލަޕޯޓާ ބާސާގެ ރައީސް ކަމުގައި ކުރީން ހުރެފައިވެއެވެ. އެ ދުވަސްތަކަކީ މެސީގެ ވިދުން ގަދަވެ، ބާސާގެ ތަރީހުވެސް ދުށް އެންމެ ކާމިޔާބު ދުވަސްތަކެވެ.
ބެލެވޭ ގޮތުގައި ޖޫން 13 ވަނަ ދުވަހު ބްރެޒިލްގައި ކުރިއަށްދާނެ ކޮޕާ އެމެރިކާގެ ކުރިން މެސީގެ ނިންމުން ނިންމާނެއެވެ. އިތުބާރު ހުރި ނޫސްތަކުން މެސީ ކްލަބުގައި މަޑުކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު