ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސ) އިން ބުނީ މިރޭ 10:00 ގައި ހެލްތު މިނިސްޓަރުގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

ނަސީމްގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ އިރު، ކޮވިޑުގައި ރާއްޖޭން މަރުވި އެންމެ ކުޑަ ކުއްޖާ، ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި އިހުމާލު އޮތްކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނަސީމްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އެމްބިއުލެންސް ލަސްވުމުގެ ސަަބަބުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ލަސްވެ، މިޝްކާ މަރުވީ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާގެ ހާލު ދެރަވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅުމުން އެމްބިއުލެންސް އައީ ދެ ގަޑިއިރާއި 20 މިނެޓް ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް "ވަން" އަށް މިއަދު ވިދާޅުވީ މިޝްކާ މަރުވި މައްސަލައިގައި އާއިލާގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެ ކަމަށާއި މި މައްސަލަ ތަހުގީގުކޮށް އިހުމާލެއް އޮތްތޯވެސް ބަލާނެ ކަމަށެވެ.

މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅައިފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.