އެ ގެއަށް ވަންނަން ހުރި ގޯޅިގަނޑުގެ ދެ ފަރާތުގައި ކުނި ކޮތަޅުތަކާއި ކުނި ބުނި ގިނައެވެ. ފާހާނާ ހޮޅިތައް ގޯޅިގަނޑަށް ވާ ގޮތަށް ބޭރަށް ނުކުމެފައި ހުރި އިރު, ކަރަންޓު ނަރުތައްވެސް ހުރީ އަތް ފޯރާ ފަށުގައެވެ. ގޯޅިގަނޑަށް ވާ ގޮތަށް ތިން ކޮޓަރި ހުރި އިރު, އެ ގޯޅީގެ އެންމެ ބޭރަށް ވާ ގޮތަށް ކުޑަ ބޭކަރީއެއް ހުއްޓެވެ. ގޯޅިގަނޑުގެ އެތެރެއަށް ވަދެގެންދާ ވަރަކަށް ކުނިވެގެން ދުވާ ކަހަލަ މަޑު ވަހެއް ހުއްޓެވެ.
މިއީ ރޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ލިޔުޝާ ޝާކިރު, 28އ. ދިރިއުޅެމުން އަންނަ އޭނާގެ، މަންމަގެ ގެއެވެ. އޭނާގެ ކޮޓަރި ހުންނަނީ އެ ގޯޅިގަނޑުގެ އެންމެ އެތެރެއަށް ގޮސް, ކަނާތަށް އަޅާއިރުއެވެ. އެއީ ގޯތިން އޭނާއަށް ލިބުނު ގޮޅިއެވެ. އާދައިގެ ދޮރެއް ލާފައި ހުރި އެ ކޮޓަރިއަށް އަރަން ލަކުނޑި ސިޑިއެއް ހުރި އިރު, އެ ކޮޓަރިއާ އެއްފަޅީގައި އިތުރު ދެ ކޮޓަރި ހުރެއެވެ. ތަހުގީގުގެ ބޭނުމަށް ލިޔުޝާގެ ކޮޓަރި ހުރީ ޓޭޕު ދަމައި ބަންދު ކޮށްފައެވެ.
ލިޔުޝާ ދިރިއުޅެމުން އަންނަ ކޮޓަރިއާ އެންމެ ކައިރީގައި ހުންނަ ކޮޓަރީގައި ދިރިއުޅޭ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައަކު "ވަން" އަށް ކިޔައިދިން ގޮތުގައި, ކައްކައި ކެވޭ ގޮތަށް ހުންނަ ލިޔުޝާގެ ކޮޓަރީގައި އުޅެނީ އޭނާ އެކަންޏެވެ. ބައެއް ފަހަރު ބޭރުން ގެނެސްގެންވެސް ކައި އުޅެއެވެ. ނަމަވެސް މާ ގިނައެއްކޮށް ބޭރަށް ނުކުމެއެއް ނޫޅެއެވެ. އެއީ އޭނާގެ ގޮތެވެ. އެންމެ ފަހުން އޭނާ ފެނުނީ މީގެ ފަސް ވަރަކަށް ދުވަސް ކުރީން ކަމަށް ދައްތަ ބުންޏެވެ. އެދުވަހު ކޮޓަރިން ނުކުމެ ގޯޅިގަނޑުގައި ސަކަރާތް ޖަހަން ވެސް އުޅުނު ކަމަށް ބުންޏެވެ.
އޭގެ ފަހުން ކޮއްކޮއެއް ނުފެނެއެވެ. އެހެންވެ ހަބަރު ބަލައިލަން ލިޔުޝާގެ ފޯނަށް ގުޅިއެވެ. ރިންގު ވި ނަމަވެސް ޖަވާބެއް ނުދެއެވެ. އެއީ އާންމު ކަމަކަށްވާތީ, އާއިލާއިންވެސް މާބޮޑު ކަމަކަށް ނުހަދައެވެ. ނަމަވެސް ގޭތެރެއިން އެއްޗެއް ކުނިވެގެން ދުވާ ޒާތުގެ ވަހެއް ގަދަވާން ފެށުމުން ޝައްކު ވާން ފެށިއެވެ.
"އޭނާގެ ކޮންޓެކްޓްސް ވަރަށް ގިނަ ވާނެ. ދެން މި ކޮވިޑު ތެރޭގަ ވީމަ, އެންމެންވެސް ވަކިވަކީން މިއުޅެނީ. ދޭތެރެއަކުން ގުޅާލަން. އިއްޔެވެސް ގުޅާލިން. އެކަމަކު ފޯނު ރިންގުވާ ކަމަށްވަންޏާ އޮޑް ފީލެއް ނާންނާނެދޯ. ފަހުން ދުވަން ފެށީ އެއްޗެއް ކުނިވެގެން ދުވާ ކަހަލަ ވަހެއް. ވަރަށް މައިލްޑު ވަހެއް. އަހަރެމެން ހީކުރީ މި ކުނިތަކުގެ ތެރޭގައި އެއްޗެއް މަރުވެގެން ދުވާ ވަހެއް ކަމަށް. ފަހުން ގޮސް ކޮޓަރި ދޮރު ހުޅުވާލި އިރު މަރުވެފަ އޮތީ. ފޯނު އޮތީ ޗާޖަށް ޖަހާފައި. އެހެންވީމަ ނުއެއް ނިވޭނެތާ," ދައްތަ ބުންޏެވެ.
ދައްތަ ކިޔައިދިން ގޮތުގައި, ލިޔުޝާއަކީ އާންމު ގޮތެއްގައި އޭނާގެ ކޮޓަރި ތަޅުލައިގެން ނިދާ މީހެކެވެ. ނަމަވެސް މިއަދު އެ ދޮރު ހުރީ ތަޅުނުލަ އެވެ. އަދި މަރުވެފައި އޮއްވައި ފެނުނު އިރު, އޭނާ އޮތީ ބަރަހަނާ ހާލުގައެވެ.
"(ބަރަހަނާ ހާލުގައި ނިދުމަކީ) އެއީ އޭނަގެ ނޯމަލް ރޫޓިން ނިދުމުގަ. ތަޅު އަހަންނަށް ހިވަނީ ކޮންމެވެސް މީހަކު ތަޅު ހުޅުވާފަ ހުރިހެން. ތަޅުލައިގެން އޭނާ އާންމުކޮށް އުޅޭނީ. އަހަރެމެންނަށް ވަދެވެން ކަންނޭނގެ އެއީ," ލިޔުޝާގެ ދައްތަ ބުންޏެވެ.
އޭނާ ބުނި ގޮތުގައި, ލިޔުޝާއަކީ މީގެ ކުރިން މަސްތުވާތަކެތި ބޭނުން ކުރަމުންދިޔަ ކުއްޖެކެވެ. ނަމަވެސް އާއިލާއިން ބޭނުން ވެގެން މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ ދިޔައީ އެކަމަށް ރީހެބުން ފަރުވާ ހޯދަމުންނެވެ. އަދި އެކޮޓަރިއަށް ދޭތެރެ ދޭތެރެއިން މީހުން ވަދެ އުޅޭ ކަމަށާއި ލޯބިވެރިޔަކުވެސް ގެންގުޅޭ ކަމަށް ބުންޏެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އެ ކޮޓަރިއަށް އިތުރު ބަޔަކު ވަތް ކަމެއް ނޭނގެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ހިކި ކޮށް ހުންނަ ލިޔުޝާ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވައި ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. އަދި އޭނާ ބޮޑީ ބޭގަކަށް ލައިގެން ކޮޓަރިން ނެރިގެން ގެންދިޔައީ ސަހަރާއަށެވެ. ސަހަރާއިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި, ލިޔުޝާގެ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައެވެ. އަދި އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ހުރިކަންވެސް ދެނެގަނެވިފައި ނުވާ ކަމަށް ބުންޏެވެ.
ލިޔުޝާގެ ދައްތަ ބުނި ގޮތުގައި, ލިޔުޝާ މަރުވީ ފިޓު ޖެހިގެންނެވެ. މަރު ފޯމުގައި މަރުވި ސަބަބެއް ކަމަށް ޖަހާފައި އޮތީވެސް އެހެންނެވެ. ލިޔުޝާއަކީ ވަރަށް އަވަސް ވަހަށް ފިޓު ޖެހޭ ކުއްޖެއް ކަމަށްވެސް ދައްތަ ބުންޏެވެ.
ލިޔުޝާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިއަދު ހެނދުނު 8:45 ގައި އާ ސަހަރާ މިސްކިތުގައެވެ. އޭނާގެ މަރުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް