ރާއްޖެއަށް ކޮވިޑުގެ ނުރައްކާ ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ގެއްލުންވެ، ބަނގުރޫޓްވުމުގެ ފުރުސަތު އޮތް ކަމަށްބުނެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް ގޮވާލައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.

މި ގަރާރުގައި ވަނީ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިމަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން މުޅިން ހުއްޓި، ވިޔަފާރިތަކުގެ އާމްދަނީ ބޮޑު ތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ބައެއް ތަންތަނުގެ ކުލި ދެއްކުމާއި، މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ، އަސާސީ ހަރަދުތައް ކުރުމަށް ދަތިވެ ބައެއް ވިޔަފާރިތައް ބަނގުރޫޓް ވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށުމުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވިޔަ ނުދިނުމަށްޓަކައި، ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ލޯނު ނަގާފައިވާ ވިޔަފާރިތަކުން ލޯނު ފައިސާ ދެއްކުމަށް ލުއިދީ، މޮރަޓޯރިއަމްގެ ފުރުސަތު ފަހިކޮށްދީފައިވާ ކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އޭރު ރާއްޖޭގައި އެޅި ފިޔަވަޅުތަކެކޭ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދަމަހައްޓަން ޖެހިދާނެ ކަމަށް ބަލައި، ލޯނުތަކަށް ލުއި ދިނުމަށް، މި ފަހަރުވެސް މޮރަޓޯރިއަމެއް ހަމަޖައްސައިދިނުމަށް އެ ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އެގޮތުން އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި، ކްރެޑިޓް ފެސިލިޓީތަކަށް މޮރަޓޯރިއަމް ހަމަޖައްސައިދިނުމާއި، އެ މޮރަޓޯރިއަމް ދިނުމުގައި ލޯން ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުމަކީ ޝަރުތެއް ކަމުގައި ކަނޑަނޭޅުމަށާއި، މޮރަޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓަރެސްޓް ލޯން ނުވަތަ ކްރެޑިޓް ފެސިލިޓީއެއް، ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރު ނުވެ އެއްކޮށް މައާފުވާ ގޮތަށް ހަމަޖައްސައިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތަށް މޮރަޓޯރިއަމް ދިނުމަށް ގަރާރުގައި ހުށަހަޅާފައިވަނީ ކޮވިޑް ފެތުރުނަ ނުދިނުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލާ ދުވަހުން ފެށިގެން ހަ މަސް ދުވަހަށެވެ.