ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ކަމަށް ތުހުމަތު ކޮށް، ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އެމީހުންގެ މައްޗަށް ސާބިތެއް ނުވިއެވެ.
އެ މައްސަލައިގައި ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގައި ދައުލަތުން ދައުވާ އުފުލީ، ނ. މަނަދޫ އޮޕެރާ މުހައްމަދު ނަބީހާއި، ނަފާ އާދަމް ފަރުހާން އާއި ބާދުސަބާ އަހުމަދު އަފްސަލްގެ މައްޗަށެވެ.
ދައުވާގައި ވަނީ، މި ތިން މީހުން އިތުރު ބަޔަކާއެކު ދޭއް ޖުލައި 2017 ވަނަ ދުވަހުގެ ވަގުތެއްގައި ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ފުރައިގެން ތުރުކީ އަށް ގޮސްފައިވާތީ، ޓެރައިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ ކަމަށެވެ.
ސީރިއާއަށް ދިއުމަށްތަކައި، މި ތިންމީހުން އެންމެ ފުރަތަމަ މެލޭޝިއާއަށްގޮސް އޭގެ ފަހުގައި ބެންކޮކަށްގޮސް އަދި ބެންކޮކު މަގުން ތުރުކީއަށް އެތެރެވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އޭގެ ފަހުން ތުރުކީގައި އެމީހުން ސޭވް ހައުސެއްގައި ތިއްބާ ތުރުކީގެ ސަލާމަތީ ބާރުތަކުން، ހައްޔަރުކޮށް 23 ސެޕްޓެމްބަރު 2017 ގައި އެމީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައި ވެއެވެ.
ނަމަވެސް އެ ދައުވާއަށް އިންކާރު ކޮށް އެ ތިން މީހުންގެ ފަރާތުން ބުނެފައި ވަނީ ތުރުކީއަށް ދިޔައީ، ޗުއްޓީ ހޭދަ ކުރުމަށް ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު، ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ތިންމީހުންގެ މައްޗަށް ކުޅަ ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް