ކޮވިޑު ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމްގައި ފަރުވާދެމުންދިޔަ 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ މަރުވެފައިވަނީ މިރޭ 12:10 ހާއިރުއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި އެންމެ ހަގު މީހާއެވެ. އަދި މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ ކުޑަކުއްޖާއެވެ. ދެން އެންމެ ހަގު މީހަކަށް މި ބަލީގައި މަރުވެފައިވަނީ 30 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މި މަރާއެކު ކޮވިޑު ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރައިފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވީ ބ. ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެކެވެ.

ދެން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހެކެވެ. އެއީ 50 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ. ފަސް ވަނަ މީހާ އަކީ އައިޖީއެމްއެޗް އެމަޖެންސީ އަށް މަރުވެގެން ގެންދިޔަ 88 އަހަރުގެ އަންހެނެކެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރި އިރު، ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ މަރުވެފައެވެ.

އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންފިލާގައި ފަރުވާދެމުންދިޔަ 42 އަހަރުގެ އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ އަންހެނަކުވެސް ވަނީ މިރޭ މަރުވެފައެވެ.

މި ނުވަ މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.