ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމާ އަނެއްކާވެސް ކާލޯ އެންސެލޯޓީ ހަވާލުވެއްޖެއެވެ.

އިޓަލީއަށް އުފަން އެންސެލޯޓީ ރެއާލްއާ ހަވާލުވީ އެ ކްލަބުގެ ކޯޗުކަމުގައި މި ސީޒަންގައި ޒައިނުއްދީން ޒިދާން ސީޒަން ނިންމާލުމަށްފަހު މަގާމު ދޫކޮށްލުމާ ގުޅިގެންނެވެ. އެންސެލޯޓީ މިދިޔަ ސީޒަންގައި ކޯޗުކަން ކޮށްދީފައި ވަނީ އިނގިރޭސި ލީގުގެ އެވަޓަންއަށެވެ. އެޓީމާއެކު އެންސެލޯޓީ ސީޒަން ނިންމާލީ ތާވަލުގެ 10 ވަނައިގައެވެ. ސީޒަންގެ ކުރީކޮޅުގައި ވަރުގަދަ ކޮށް އެވަޓަން ފެނުނު ނަމަވެސް އަނިޔާގެ މައްސަލަތަކާ ހެދި އެންސޯޓީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

އެންސެލޯޓީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރެއާލްއަށް އަނބުރާ ގޮސްފައިވާއިރު، އޭނާ ކުރިން އެ ކްލަބަށް ކޯޗުކަން ކޮށްދިނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށެވެ. ރެއާލްއާއެކު އެންސެލޯޓީ ވަނީ ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލްރޭގެ އިތުރުން ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ފަހުގެ ތާރީހެއްގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެއް ކޯޗު އެންސެލޯޓީއަކީ އޭސީ މިލާނާއެކުވެސް ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގާއި، އިޓަލިއަން ލީގު އަދި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާ ކޯޗެކެވެ. ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށް، އެންސެލޯޓީ ވަނީ ޕީއެސްޖީއާއި ބަޔާން މިއުނިކާއެކު ފްރާންސާއި ޖަރުމަނު ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ރެއާލްއަށް ދިޔުމުގެ ކުރިން އެވަޓަން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އެންސެލޯޓީ ބުނެފައި ވަނީ އެވަޓަން ސަޕޯޓަރުން ބެހެއްޓި ގާތްކަމަށާއި، އެވަޓަންގެ މެނޭޖުމަންޓުން ކުރި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ކްލަބު ދޫކޮށް މިވަގުތު ދަނީ އެއްވެސް މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި، މިވަގުތު ކްލަބު ދޫކޮށްދާން ވިސްނީ ރެއާލްގެ ހުށަހެޅުމަކީ ދޫކޮށް ނުލެވޭނެ މުހިއްމު ހުށަހެޅުމެއް ކަމަށްވާތީ ކަމަށްވެސް އެންސެލޯޓީ ބުނެފައިވެއެވެ. އަދި ރެއާލްއަށް ދިޔުމަކީ އޭނާއާއި އާއިލާއަށް މުހިއްމު ނިންމުމެއް ކަމަށްވެސް އެންސެލޯޓީ ފާހަގަކުރިއެވެ.