ރާއްޖެއަކީ ފުޓުބޯޅަ ކުޅުންތެރީންނާއި ކޯޗުންނަށް އޮފް ސީޒަން މަންޒިލެކެވެ. ކޮންމެ ފުޓުބޯޅަ ސީޒަނެއް ނިމުމަށްފަހު ކާމިޔާބީ ހޯދާ ތަރިންނާއި ކާމިޔާބީ ނުހޯދި މާޔޫސްވާ އެތައް ތަރީންތަކެއް މަސައްކަތުން ބޭރުވެ، ސިކުނޑި ހަމަޖައްސައިލަން އަންނަނީ ދިވެހިރާއްޖޭގެ ހިތްގައިމު މާހައުލަށެވެ.

މިފަހަރު އެ ދަތުރުތައް މަދުވާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ހޫނު މޫސުމުގައި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރު ކަމަށްވާ ޔޫރަޕާއި ދެކުނު އެމެރިކާގައި އެންމެ ބޮޑު ދެ ފުޓުބޯޅަ މުބާރާތް އޮންނާތީއެވެ. ޖޫން 11 ގައި ޔޫރޯ ފަށާ އިރު، ޖޫން 13 ގައި ބްރެޒިލްގައި އޮންނަ ކޮޕާ އެމެރިކާވެސް ފަށާނެއެވެ. އެ ދެ މުބާރާތަށް ދާން ޖެހުމާއެކު ގިނަ ކުޅުންތެރީންނަށް މިފަހަރުގެ ސީޒަން ބްރޭކް ޗުއްޓީއަކަށް ނުވެއެވެ.

ސްޕެއިންގެ ލީގު ސްޕެނިޝް ލަލީގާ އެތުލެޓިކޯއާއެކު ކާމިޔާބު ކުރި ޑިއޭގޯ ސިމިއޯނީ މިހާރު ހުރީ ޗުއްޓީގައި ރާއްޖޭގައެވެ. ހަތް އަހަރު ދުވަހުގެ އިންތިޒާރަކަށްފަހު އެތުލެޓިކޯއިން ލަލީގާ ކާމިޔާބު ކޮށްފައިވާ އިރު، އެތުލެޓިކޯ އިން މީހާތަނަށް 11 ފަހަރަށް ލަލީގާ ކާމިޔާބު ކޮށްފައިވެއެވެ. އަދި އެއީ 2000އިގެ އަހަރުތައް ފެށި ފަހުން އެޓީމުން ކާމިޔާބު ކުރި ދެވަނަ ތަށްޓެވެ.

ސިމިއޯނީގެ އިތުރުން ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސްވެސް ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. ކޭލޯ ނަވާސް ނިސްބަތް ވަނީ ދެކުނު އެމެރިކާއަށް ނަމަވެސް އޭނާގެ ގައުމު ކޮސްޓަ ރީކާއިން މިފަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގައި ނުކުޅޭނެއެވެ. ނެދަލޭންޑްސްއިން ޔޫރޯއަށްދާ ޓީމުން ޖާގަ ނުލިބުނު އެސްޓަން ވިލާގެ ވިންގާ އަންވަރު އެލް ގާޒީވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވާ އިރު، ކުރިންވެސް ބައެއް ފަހަރުތަކުގައި ރާއްޖެ އައިސްފައިވާ ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖޯސޭ އެންރިކޭވެސް އަނެއްކާ ވަނީ ރާއްޖެ އައިސްފައެވެ.

މީގެ ކުރީންވެސް ރާއްޖެއަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި މަގުބޫލު މަންޒިލެކެވެ. އެހެންނަމަވެސް ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން ކުޅުންތެރިންވެސް ދަތުރުކުރާލެއް ވަނީ މަދުވެފައެވެ.