މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ވުމުންވެސް މަޑު ނުކޮށް ދިޔަ މީހާ އިއްޔެ ހަވީރު 5:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާފައިވާ ކަމަށެވެ.

މި މައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހުވަފެނީ ގޯޅީފައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މަރުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް ވިދާޅުވީ އެކްސިޑެންޓުވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީއެވެ. އެކްސިޑެންޓު ހިނގި އިރު ޔަޒްދާން އިނީ ސައިކަލުގެ ފަހަތުގައެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަޒްދާންގެ ކަރަށް ވަނީ ގާޑިޔާގެ މުއްގަނޑު ހެރިފައެވެ.

ދެ ސައިކަލެއް ވެއްޓިފައި އޮންނަ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އަދި ސައިކަލުތައް ކައިރިން ޔަޒްދާން ކަރުގައި އަތް އަޅައިގެން މަޑުމަޑުން ހިނގާފައި ދާ މަންޒަރުވެސް ފެނެއެވެ. ހިނގާފައި ގޮސް ދެން ފެންނަނީ އޭނާ ކުއްލިއަކަށް ވެއްޓޭ ތަނެވެ. އަދި ކައިރީގައި ހުރި އެހެން މީހަކު، ޓީޝާޓު ބޭލުމަށްފަހު ޔަޒްދާންގެ ކަރުގައި އޮޅައި ލޭ މަނާކުރުމަށް މަސައްކަތް ކުރާތަންވެސް އެ ވީޑިއޯ އިން ފެނެއެވެ.

ސާޅީސް ފަސް ސިކުންތުގެ އެ ވީޑިއޯ އިން ފުލުހަކާއި ސިފައިންގެ މީހަކު އެ ސަރަހައްދަށް ދާތަންވެސް ފެނެއެވެ.