އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް އެކަމާ ބެހޭ ގޮތުން ހުށަހެޅި ބިލު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލަނީ، 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދާ އަޅައިބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ ކަމަށް، މި ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އެ ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާ އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ހިދުމަތްތަކަށް ނަގާ ފީ އާއި އެނޫންވެސް، ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީ އާއި، ދިވެހި ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދައްކަން ޖެހޭ ފީ އާއި އެހެނިހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުންވެސް ސަބަބުތަކުގެ ތެރޭގައ ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލަން ހުށަހެޅީކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ހުށަހަޅަނީ، ސަރުކާރުން އެކުލަވާލާފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިން ބިޒްނަސް" ފަސޭހަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށް ވެފައި ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެނިހެން އާލާތްތައް ތައާރަފު ވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދައްވަމުން ދިއުމާއި ސްޓޭމްޕް ޕްރިންޓް ކުރުމަށް ހަރަދުތަކެއް ހިނގާތީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުގެ އެކިއެކި ލިޔުންތަކާއި ސެޓްފިކެޓް ތަކުގައި 50 ލާރިން ފެށިގެން 1000 ރުފިޔާއާ ހަމައަށް ރެވެނިއު ސްޓޭމްޕް ޖަހަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.