ފިޝަރީޒް މިނިސްޓްރީން ރ އަތޮޅު ނެޔޮ އަމީމާ އިންވެސްޓް މެންޓަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ދެމިއޮތް ކަމަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.
ރ. ނެޔޮ ކުއްޔަށް ދިނުމާ ގުޅޭގޮތުން އަމީމާ އިންވެސްޓް މެންޓް ޕްރައިވެޓް ލިމިޓެޑް އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސް ވެފައި ވަނީ 11 ޖޫން 2012 ގައއެވެ.
ނަމަވެސް 17 ޑިސެމްބަރު 2021 ގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ވަނީ ބާތިލު ކޮށްފައެވެ.
އެކަމާ ގުޅިގެން އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ގާނޫނާއި ގަވާއިދާއި އަދި އެރަށް ކުއްޔަށް ދީފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އަމީމާ އިންވެސްޓް މެންޓްގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
ނަމަވެސް އެ މައްސަލައަަށް އަދި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
އެހެންކަމުން މި މައްސަލައަކީ، އެ މައްސަލައަށް މައުލޫއީގޮތެއް ކަނޑައެޅެންދެން އެރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސް ވުމަކީ ދެމިއޮތް އެއްބަސްވުމެއްކަމުގައި ފިޝަރީޒް މިނިސްޓްރީ އަށާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އަމީމާ އިންވެސްޓްމެންޓުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އަސާސީ އުސޫލު ތަކާއި، ޝަރީއަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ހާލަތްތަކާއި އަދި ޝަރީއަތުގެ އަދާލަތުގެ ހަމަ (އިކުއިޓީ) ގެ ހަމަތަކުގެ މައްޗަށް، ވަގުތީ އަމުރެއް ނެރެން ޖެހޭ ފަދަ ކަމެއް އެ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައިވާ ކަމަށް ބެލެވެން ނެތުމުން އެފަދަ އަމުރެއް ޝަރީއަތުން ނެރެން ޖެހޭނެ ތަނެއް ނެތަތީ، އެފަރާތުން އެދިފައިވާ ގޮތަށް އެ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް