އައްޑޫގައި ހުންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް ގާނޫނީ ލަފާ ދެއްވާފައިވާ ކަމަށް އެޓާނީޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެކަން ހާމަ ކުރައްވައި އޭޖީ ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ މައްސަލާގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑްސިވިލްއޭވިއޭޝަނުން 30 މެއި ގައި ލަފައަކަށް އެދުނު ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނާއި މަތީ ތައުލީމާބެހޭ ގާނޫނުގެ ދަށުން އެކަމުގައި އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށް ރޭ ޓްރާންސްޕޯޓް މިނިސްޓްރީއަށް ޖަވާބު ދެއްވާފައިވާ ކަމަށްވެސް އޭޖީ ރިފްއަތު ވިދާޅުވިއެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކަމާ ބެހޭ މައުލޫމާތުތައް ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އައްޑޫގައި ހުންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އޮތް ހައްލަކީ އާ ސްކޫލެއް ކަމަށެވެ. ނަމަވެސް އެފަދަ އިންތިޒާމެއް އަދި ހަމަޖެހިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭ ޕްރެޒެންޓޭޝަނެއް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ވަނީ އިއްޔެ ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ ދަރިވަރުންނަށް ކުރިމިަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހަތަރު އޮޕްޝަނަކަށް ވިސްނާފައިވާ ކަމަށް އެ ޕްރެޒެންޓޭޝަނުގައި ވަނީ ބުނެފައެވެ.

އެގޮތުން ބޭރުގެ އެހެން ފްލައިން ސްކޫލަކުން ދަރިވަރުންގެ ކިޔެވުމުގެ ބާކީ ބައި ފުރިހަމަ ކޮށްދިނުން ހިމެނެއެވެ. އެކަމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކުން އެކަނި ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވުމުގެ ކުރިން، ޗެކް ރިޕަބްލިކްގެ ސްކޫލުން ޖަވާބުދާރީވުން ހުއްޓާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން އެ ސްކޫލުން ރާއްޖޭގައި އާ އިންވެސްޓްމަންޓެއް ކުރަން ފަސްޖެހުނީ ކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި ހުރި އެޕްރޫވްޑް އިންސްޓިޓިއުޓެއް މެދުވެރިކޮށް އެ ކުދިންނަށް ކިޔަވައިދިނުމުގެ ހިދުމަތް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭގޮތުން ވިލާ ކޮލެޖް މެދުވެރިކޮށް ވިލާ އެއާ އަދި މަންތާ އެއާ އާ މަޝްވަރާ ކުރި ނަމަވެސް، އެތަނުން އެއްވެސް ފަރާތަކުން އަދި ޝައުގުވެރިކަން ފާޅުކޮށް ލިޔެކިޔުން ހުށަހަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކަންތައްތަކަށް ބަލާއިރު މިވަގުތު ފެންނަން އޮތް ހަމައެކަނި ހައްލަކީ ޓްރިޕަލް އޭގައި ދަރިވަރުން ތަމްރީނު ކުރުން ކަމަށެވެ.

އެހެންނަމަވެސް އެ އިންސްޓިޓިއުޓުގައި މިވަގުތު ފްލައިންގެ ހާލަތުގައި އެއްވެސް މަތިންދާ ބޯޓެއް ނެތް އިރު، މިއަހަރު ކުރީކޮޅު އޯޑަރު ކުރި ސްޕެއާޕާޓްސްތަކުގެ 90 އިންސައްތަ މިހާރު ރާއްޖެ ގެނެސް އެސެމްބަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ އިންސްޓިޓިއުޓުގައި ސިމިއުލޭޓާ ޓްރެއިނިން ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު، އައްޑޫގެ ކޮވިޑުގެ ހާލަތު ގޯސްވުމުން އެ އިންސްޓިޓިއުޓުގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ފްލައިން ސްކޫލުގައި މިހާރު ތިބި ދަރިވަރުންގެ ކިޔެވުން އެހެން ތަނަކުން ކުރިއަށް ގެންދާ ނަމަ ބޮޑު ހަރަދެއްް ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން އައްޑޫ ފްލައިން ސްކޫލުގައި މިހާރު ތިބި 211 ދަރުވަރުންނަށް 320 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމިއްލަ ޔުނިވާސިޓީތަކާ ވާހަކަ ދައްކައިގެން އެ ދަރިވަރުންނަށް ގޮތެއް ހޯއްދަވައި ދެއްވުމަށް އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.