ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރަކު ރިޔާސަތު ބެލެހެއްޓެވި އިއްޔެގެ ޖަލްސާގައި ބޭރުކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެމްބަރަކު ރިޔާސަތު ނުބަލަހައްޓާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ރޭ ލަފާދެއްވައިފި އެވެ.
މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް މަޖިލިސް އިދާރާއިން ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ނާއިބު ރައީސް އުޒުރުވެރިވާ ނަމަ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އެހެން މެންބަރުންނަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ވަނީ ހުކުމްކޮށްފައެވެ.
އިއްޔެ ބޭއްވި ޖަލްސާއަށް ވެސް ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައި ވުމުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. އޭނާއަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ.
އިއްޔެގެ ޖަލްސާ ފެށުމާއެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަގައި، ނަޝީދުގެ ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެއާއެކު، ރިޔާސަތުގައި އިންނެވި އަފީފްވެސް ނިންމެވީ، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ގަރާރު އަލުން ހުށަހެޅުމަށެވެ. އަދި އެއަށް ފަހު ޖަލްސާ ނިންމަވާލެއްވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ އެއްގޮތަށް ހުށަހެޅިފައިވާ ގަރާރެއް ކަމަށެވެ. ނަަމަވެސް މެންބަރު އަފީފަކީ އެ މައްސަލައާ ގުޅުން އޮތް ފަރާތަކަށް ވާތީ އޭނާއަށް ރިޔާސަތުގައި ނީންނެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެ ގަރާރު އަލުން ހުށަހެޅުމަށް އިއްޔެ 11:30 އަށް އިތުރު ޖަލްސާއެއްވެސް ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު އީވާ ބެލެހެއްޓެވިއިރު، އީވާ ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު އިއްޔެ ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި އެހެންވެ އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ޖަލްސާ ނިންމަވާލައްވައިފައެވެ.
އެ މައްސަލައިގައި އީވާ އާއި އަފީފް މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ގަރާރާ މެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޭޖީގެ ލަފާ ހޯދުމަށް އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމި އެވެ.
އެއާ ގުޅިގެން އޭޖީ ވަނީ އޭނާގެ ލަފާ ޓުވިޓާގައި ދަންވަރުގެ ވަގުތެއްގައި ހިއްސާކުރައްވައިފައެވެ.
ރިފްއަތުގެ ލަފާ:
1- މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މަޤާމުން ވަކިކުރުމުގެ ޤަރާރަކީ މަޖިލީހުގެ ގަވާއިދުގެ 168 ،167 އަދި 169 ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުން ހުށަހަޅާ 'ޢާންމު' ޤަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ޤަރާރެއް ނޫން.
2- މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުޠުތަކަކީ،ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން.
3- މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް.
4- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް.
5- ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުޞޫލާ ދިމާ އިދިކޮޅު މާނަކުރުމެއް.
6- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭންޖެހޭ.
7- މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީން ޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ހަމައެކަނި ގޮތް.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށެވެ. އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން ކަމަށާއި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން ކަމަށާއި މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު