ކުރީގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފިއެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގެ އޭޖީ ރިފްއަތު މިއަދު އޭސީސީއަށް ހާޒިރުކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ކަށަވަރެއް ނުވެއެވެ.

ރިފްއަތުގެ ކުރިން މި ހަފުތާގައި އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރަކު ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

އޭސީސީއަށް ކުރީގެ މިނިސްޓަރުން ހާޒިރުކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ މައްސަލައިގެ ތަހުގީގަށެވެ. އެއީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމާފައިވާ މައްސަލައިގައެވެ.

އޭސީސީއަށް ކުރީގެ ވަޒީރުންނާއި އޭޖީ ހާޒިރުކުރާ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.

ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ސޯލިހު ވިދާޅުވެފައިވެއެވެ.